Pages

Wednesday, May 30, 2012

ބިންވަޅު ނެގުނު ފިޔަވަޅު 3




އާތިފް އަވަސް އަވަހަށް ފާހާނައިން ނިކުމެ ބޭރަށް ދިއުމަށް ތައްޔާރުވިއެވެ. ގަޑިން 8ޖަހާ އެހާކަންހާއިރު އާތިފް އޭނާގެ އެކުވެރި އަޝްރަފްއާއެކު ބޭރަށް ނިކުތެވެ. ފަހަތުން ސާމިޔާގެ ރަހުމަތްތެރިޔާ ވެސް ހިނގައިގަތެވެ. "އައިޝް ދެންމެ މިތާނަގައެއިނީ ސާމީގެ ކްލާސް މޭޓެއް، ވަރަށް ނިދި އައިއްސި ސާމީ މިދަނީ ނިދަން، " މިހެންބުނެ ސާމިޔާ ވެސް ވަނީ ކޮޓަރިއަށެވެ. އެކަނިވެރި އެމާހައުލުގެ ހަމަހިމޭންކަމާއެކު އައިޝް ނުކުތީ ވައިޖައްސާލުމަށް ބޭރަށެވެ. ކުރިމަތީ ހުރި އަންހަންމައިދީގެ ގޭން އެގޭ އައިސައިދީ ގޮވާލިއެވެ. "އައިޝް އައިސްބަލަ. " އައިޝް ދިއުމުން އައިސައިދީ އައިޝްއާ ސުވާލުކޮށްލިއެވެ. " އައިޝް އަށް އިނގޭތަ އައިޝްގެ ފިރިމީހާ ކޮންމެ ރެއަކު އުޅޭނީ ކޮންތާކުކަން؟" އައިޝް ހައިރާންކަމާއެކު އެސުވާލަން ޖަވާބުދެމުން ބުނެލިއެވެ. "ތި ސުވާލު ތިކުރީ ކީއްވެ ؟" "ތިގެއިން ދެންމެ ނިކުމެގެން އެދިޔައީ ކާކުކަން އެނގޭތަ؟" އަނެއްކާވެސް އައިސައިދީ އައިޝް ގާތު އަހާލިއެވެ. 

އައިޝް ގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ދިއައެވެ. މި ވަނީ ކިހިނެތްކަން ނޭނގޭތީއެވެ. "އަޅެ ބުނެބަލަ ތިވެގެން އުޅޭ ގޮތެއް" އައިޝް އައިސައިދީއަށް ނިސްބަތްކޮށް ބުނެލިއެވެ. ދެންމެ އާތިފް އާއެކު އެދިއައީ އާތިފް ރައްޓެހިވެގެން އުޅޭ ލަތީފާ. ހޮސްޕިޓަލުކާރީ އައިޝްގެ ބޮޑުބޭބެ އުޅޭގެއާ މާދުރެއް ނުވާނެ ލަތީފާގެ ގެއެއް. އޭނާ ގޮވައިގެން ކޮންމެ ރެއަކު އެގޭ ޖޯލީގައި ތިބޭތާ ކިތަންމެ ދުވަހެއްވެއްޖެ. " މިހެން އައިސައިދީ ބުނުމާއެކު އައިޝްއަށް ހީވީ އޭނާގެ ފައިތިލަ ދަށުން ބިންގަނޑު ދިޔަހެނެވެ. ހިތްވަރުކޮށްލާފައި ލޮލުގެތެރެއިން ފޫދިގެން އައި ކަރުނަތައް ހިފަހައްޓާލިއެވެ. އެވާހަކަތައް އަޑު އިވުމުން ހިތަށް ލިބުނު ވޭން ތަހައްމަލުކުރުމަށް ނުކުޅޭދިހުރި ހާލު އެތަނުން ގެއަށް ދިއުމަށް ހިގައިގަތެވެ. 

އައިޝް ނިދޭތޯ އެކި ގޮތްގޮތަށް މަސައްކަތްކޮށް ވެސް ނިދޭގޮތެއް ނުވިއެވެ. މެންދަމު 1 ޖެހިއިރުވެސް އާތިފްގެ ޚަބަރެއްނުވެއެވެ. އާތިފް އާދޭތޯ ބަލާލުމަށް މަގުމައްޗަށް ނުކުމެ އެތައްފަހަރަކު ހުރެވުނެވެ. ލަސްވާތީ ކޮޓަރިއަށް ވަދެ އޮށޯތެވެ. އައިޝްއަށް ނިދި ޖެހުނުތަނާހެން އާތިފް އައިސް ދޮރު ހުޅުވާލިއެވެ. އައިޝް ކެތްތެރިކަމެއްނެތި އާތިފް އާއި ސުވާލުކުރަން ފެށިއެވެ. " އާތިފް މަށަށް މި އިވެނީ ކޮން އަޑެއްތަ؟. ލަތީފާ އެއީ އާތިފްގެ ކާކުތަ؟. އައިޝް އާއި އާތިފްގެ ދެމެދު ހިނގި މި ހިންހަމަނުޖެހުމަށްފަހު ދުވަހަކުވެސް އެކަންތައް ކުރިއަށް ނުގެންދާނެކަމަށް އައިޝް ގާތު އާތިފް ބުންޏެވެ. އަދި އާތިފްގެ ބަސް ގަބޫލުކޮށްގެން އައިޝް ވެސް ހުރީ އެކުގައި ރަނގަޅަށް އުޅުމަށެވެ. 

ޖެހިގެން އައި ދުވަހު އައިޝް އާއި ދަރިފުޅު ޔޫސުފް ގޮވައިގެން އާތިފް އޭނާގެ ދައްތަ ހަބީބާ ގެ ގެއަށް ދިއައެވެ. ގެއަށް ވަނުމަށްފަހު، " ރައްޓެއްސެއްގެ ގެއަށް ވަދެލާފާ އެބަ އަންނަން" މިހެން ބުނެ އާތިފް ނުކުތީ ބެރަށެވެ. އެވަގުތު އައިޝްގެ ބޮލުގަ ރިއްސާލިއެވެ. މިކަން މިހިންގަނީ ރަނގަޅަކަށް ނޫންކަމަށް ސިކުންޑިއަށް ވިސްނުނެވެ. " ހަބީބައްތާ އައިޝް ބޭރަށް ގޮސްލާފަ އަންނަންދެން ޔޫސުފް އުރާލަބަލަ" އައިޝް ބުނެލިއެވެ. އެހެނަސް ދައްތަ ގެ ޖަވާބުގައި ބުނީ ތިކުރަން އުޅޭނީ ރަނގަޅުކަމެއް ނޫންކަމަށެވެ. އައިޝް ދާންޖެހޭ ތަނެއް ނޯންނާނެކަމަށާއި ޔޫސުފް އުރާނުދެވޭނެކަމަށެވެ.

އައިޝްގެ ހިތެއް އެއްގޮތަކަށް ވެސް މިކަމެއް ޤަބޫލެއްނުކުރިއެވެ. ދަރިފުޅު ގޮވައިގެން ނަމަވެސް އައިޝް ބޭނުންވީ އާތިފް ގެ ފަހަތުން ދިއުމަށެވެ. ދުވަހަކީ ހޫނުގަދަ ދުވަހެކެވެ. ނަމަވެސް އައިޝް އޭނާގެ މަޤްޞަދު ހާޞިލުކުރުމަށްޓަކައި ގެއިން ނުކުމެ ހިނގައިގަތެވެ. ދަރިފުޅު ކޮނޑުމަތީ ބާއްވައިގެން ހިންގަމުންގޮސް ހޮސްޕިޓަލާ ހަމަވިއިރު އާތިފް ގެ ސައިކަލް  ލަތީފާގެ ގޭކުރިމަށްޗަށް މަޑުކުރުމަށްފަހު އެގެއަށް ވަންތައް ފެނުނެވެ. އައިޝްވެސް ދެވޭ އެންމެ ބާރުމިނުގައި ގޮސް އެގޭ ގޯތިތެރެއަށް ވަނެވެ. އާތިފް އަށް އައިޝް ފެނުމާއެކު ގެއިން ނުކުމެގެން ދިޔައެވެ. 

އައިޝް ގެއަށް ވަދެ ސަލާން ގޮވާލުމަށްފަހު ލަތީފާ އުޅޭތޯ ސުވާލުކޮށްލިއެވެ. ގޭތެރެއިން ލަތީފާ ނިކުތެވެ. އަދި ވަދެ އިށީނުމަށް އައިޝްއަށް އިޝާރާތްކުރިއެވެ. އައިޝް ލިބިފައިހުރި ވަރުބަލިކަމުން ލަތީފާގާތު ފެންފޮދެއް ދިނުމަށް އެދުނެވެ. އަދި ޔޫސުފް އޮތީ ނިދިފައިކަމުން އެގޭ އުނދޯލީގައި ބާއްވާލުމަށް އެދުނެވެ. ފެންތަށި ބޯލުމަށްފަހު އައިޝް ލަތީފާއާ މުހާތަބުކުރިއެވެ. ލަތީފާ އާއި މަށާ ވަނީ ޔޫސުފަށް އެއްވަރެއް ވީމާ ޖެހިގެން ހުރި ގެއަށް ވަދެލާފަ އަންނަންދެން މިގޭގަ ބާއްވާލަބަލަ" މިހެން ބުނެ އައިޝް އުނދޯލިން ތެދުވިއެވެ. ލަތީފާވެސް ބަލާނަމޭ ބުނެ ތެދުވިއެވެ. 

އައިޝް ގެއިން ނިކުމެގެން އަނެއްކަންމަތީ ހުރި ޙަސަނުގެ ގެއަށް ވަނެއެވެ. ޙަސަނަކީ އާތިފްގެ ވަރަށް ގާތް އެކުވެރިއެކެވެ. އައިޝް އާއި އާތިފްގެ ކައިވެނީގައި ބައިވެރިވި ހަމައެކަނި އާތިފްގެ ރަހުމަތްތެރިއާ ވެސް މެއެވެ. ވެފައި ހުރިވަރުބަލި ކަމުން މޫނުދޮވެލާ ރީތިވެލުމަށް ޙަސަންގެ މަންމަ ގާތު ފާހާނާ ބޭނުންކޮށްލުމަށް އައިޝް އެދުނެވެ. ފާހާނާއިން ނުކުތްތަނާ  ޙަސަނުގެ މަންމަ ބުނެލިއެވެ. "ޔޫސުފް ގޮވައިގެން އާތިފް ހިނގައްޖެ. އާތިފް ހުރީ ވަރަށް ރުޅިއައިސްފަ." އެހެން ބުނުމާއެކު އައިޝްވެސް އަވަށް އަވަހަށް ގެއަށް ދިއުމަށްޓަކައި ހިނގައި ގަތެވެ.

އައިޝް ގެއާ ހަމައަށް އައިރު ގޭދޮށުގައި އެކަކުވެސް ފެންނާކަށް ނެތެވެ. ގެއާ އަރާ ހަމަވުމުން ކުރިމަތީހުރި ގޭން އައިސާއިދީ ނުކުތެވެ. " އައިޝް ދެންމެ ވަރަށް ކަންތައްގަނޑު ހިނގައިފި. ގޭ އެންމެން ނުކުމެ އައިޝްއާ ދިމާލަށް ވަރަށް އެއްޗެހި ކިޔައިފި. ލަތީފާގެ ފޮޓޯގަނޑެއް ހިފައިގެން ނިކުމެ ތިބެ މީހުން އެއްކޮށްގެންގެން އައިޝް އަށް ވަރަށް މަލާމަތްކުރި" އައިސައިދީ މިހެން ބުނުމުން ވެސް އެކަމަށް ބީރު ކަންފަންތެއްދީ ގެއަށް ވަނުމަށް އައިޝް ދޮރުގައި ހިފިއެވެ. ދޮރު ހުރީ ތަޅުލާފައެވެ. އައިޝް ގެއަށް ވަނުމަށްޓަކައި ދޮރު ހުޅުވާތޯ ދޮރުގައި ޓަކި ޖަހަންފެށިއެވެ. އެތަކެއް ފަހަރުއެވެ. ނަމަވެސް އެތެރޭން އެއްވެސް ހަބަރެއް ނުވިއެވެ.

އައިޝް ދޮރުހުޅުވާތޯ ދޮރުގައި ތަޅަމުން ގެންދިއައެވެ. ނަމަވެސް އެއްވެސް މީހަކު ދޮރު ހުޅުވާކަށް ނޫޅުނެވެ. އައިޝްއަށް ރޮވެން ފެށިއެވެ. ލޮލުން ފޭދެމުން ދިޔަ ކަރުނަތައް އޮހޮރެން ފެށިއެވެ. އައިޝް ހިއްވަރުކޮށް ކޮޅަށް ހުރެވޭތޯ މަސައްކަތްކުރިއެވެ. ކުއްލިއަކަށް އާތިފްގެ ބައްޕަ ދޮރު ހުޅުވާލިއެވެ. އަދި މިގެއަށް ވަންނަން ތިއުޅޭނީ ކީއްކުރަންހޭ ބުނުމަށްފަހު އަނެއްކާވެސް ދޮރު ތަޅުލިއެވެ. ލިބިފައި ހުރި ވަރުބަލިކަމަށް ވުރެ ހިތަށް އަރާ ފައިބާ އިޙްސާސްތަށް ތަހައްމަލުކުރަން އައިޝްއަށް ހުރީ ކެއްނުކުރެވިފައެވެ. 

ގޭ ދޮރުމަތީ ގެއަށް ނުވަދެވި ހުންނަތާ އެތަކެއް ގަޑިއިރު ވެއްޖެއެވެ. ގޭދޮރުމަށްޗަށް ކާރެއް ހުއްޓާލިއެވެ. އަދި ކާރުން ފޭބި ބަޔަކު ގެއަށް ވަނުމަށްޓަކައި ގޭދޮރު ހުޅުވާލިއެވެ. އައިޝް އެ ލިބުނު ފުރުސަތުގައި ގޭތެރެއަށް ވަނެވެ. ގޭގެ ފެންޑާގައި އާތިފް ގެ ބައްޕަ އިށީނދެގެން އިނެވެ. އަތީފް ވެސް ޔޫސުފް ގޮވައިގެން އައިޝްމެން ނިދާ ކޮޓަރިއާ ދިމާލު ފެންޑާގައި ހުއްޓެވެ. ގޭ ވަލުފަރާތު ދޮރު ހުރީ ހުޅުވާފައެވެ. އާތިފްގެ އާއިލާގެ އެންމެން ކަހަލަ ގޮތަކަށް ގޭތެރޭ ތިއްބެވެ. 

އައިޝް ވަދެގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެވަގުތު އާތިފްގެ ބައްޕަ ގޮނޑިންތެދު އައިޝްއާ ދިމާލަށް ހިނގައިގަތެވެ. އައިޝްގެ އަތުގެ މުލައްދަނޑީގައި ހިފުމައްފަހު ދަމާފައި ބޭރަށް ނެރުމަށް ހިނގައިގަތެވެ. " މީ އަހަރެންގެ ގެއެއް، މިގެއަކަށް އައިޝްއަކަށް ނުވަދެވޭނެ. " އާތިފްގެ ބައްޕަ ބުނެލިއެވެ. އައިޝް އަތުގައި ހިފާ ދަމާފައި ގެއިން ބޭރަށް ލީއިރު އާތިފް ހުރީ ކުޅިބަލާށެވެ. ގޭއެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ މަލާމާތާއި ފުރައްސާރައިގެ ހިނިތުންވުމެވެ.  




Tuesday, May 29, 2012

ބިންވަޅު ނެގުނު ފިޔަވަޅު 2







އިރުގެ އަލިކަން ބިމަށް ފާޅުވެ، ދޫނިތައް އެސޮރުމެންގެ ފަތިހުގެ ނާސްތާއަށް ދަތުރުކުރާ މަންޒަރަކީ އައިޝްގެ ހިތައް އުފަލާއި ހިންހަމަޖެހުން ގެނެސްދޭ މަންޒަރަކެވެ. މާލެ ފަދަ ހަލަބޮލި ތަނެއްގައި ދިރިއުޅެފައި ވުމުން އެފަދަ މަންޒަރެއް ދުށުމުގެ ނަސީބު މަދުން ނޫނީ ނުލިބެއެވެ. އައިޝްގެ މޫނުމަތިން ފާޅުވަމުންދިޔައީ އުފާވެރިކަމާއި ހިންހަމަޖެހުމެވެ. އެފަދަ ފުރުޞަތެއް ލިބުމުންނެވެ. އާތިފްގެ މަންމަ ހޭލުމުގެ ކުރިން ރީތިވެލައި މަންމައަށް އެހީތެރިވެދިނުމަށް ބަދިގެއަށް ވަނުމަށް އައިޝް އަވަސްވެގަތެވެ. 

އާތިފްގެ އާއިލާގައި ހިމެނޭ 12 ކުދިންގެ ތެރެއިން ގޭގައި ދިރިއުޅެނީ އާތިފް ގެ މަންމައާއި ބައްޕަގެ އިތުރުން 2 އަންހެން ކޮއްކޮ އާއި 2 ފިރިހެން ކޮއްކޮއެވެ. އެހެން ކުދިން ދިރިއުޅެމުން ގެންދަނީ އެކުދިންގެ އަމިއްލަ ގޭގައެވެ. އާތިފްގެ އާއިލާ ރަށަށްއައި ޙަބަރު ލިބުނުން އަންހެނުންނާއި ދަރިފުޅު ދެކިލުމަށް އާއިލާގެ މެންބަރުން ގެއަށް އަންނަމުންދިއައެވެ. 

އައިޝް ރަށަށް ބަދަލުވިތާ މަހަކާ ގާތްވެފައި ވަނިކޮށް އާތިފްގެ އުޅުމަށް މަޑުމަޑުން ބަދަލުތަކެއް އަންނަން ފެށިއެވެ. ގޭގައި ހޭދަކުރާ ވަގުތަށްވުރެ ބޭރުގައި، ރަހުމަތްތެރިންނާއެކު ހޭދަކުރާ ވަގުރު ގިނަވާންފެށިއެވެ. އައިޝް އެކަމާ ސުވާލުކުރުމުން އާތިފްގެ ޖަވާބުގައި އަޝްރަފް ގޭގައި މަސައްކަތެއް ކުރަނީ ކަމަށް ބުންޏެވެ.  ކޮންމެ ދުވަހަކުން ހެން އާތިފް ގެއަށް އަންނަނީ ފެންވަރާށާއި ނިދަންށެވެ. 

އެއްދުވަހެއްގެ ހަވީރެވެ. ޔޫސުފަށް ކާންދިނުމަށްފަހު ނިންދެވުމަށްޓަކައި ފެންވަރުވާ ރީތިކުރުމަށްޓަކައި އަޢިޝްވަނީ ކޮޓަރިއަށެވެ . ކުޑަކުޑަ ޔޫސުފު އާއި އެކު ކޮޓަރީގައި ވަނިކޮށް އާތިފްގެ ކޮއްކޮ ސާމިޔާ ކޮޓަރިއަށް އައެވެ. އަދި ކޮއްކޮ އުރާލަންދީބަލާށޭ ބުނެ، ޔޫސުފު ގޮވައިގެން ސާމިޔާ ނިކުތީ ބޭރު ފެންޑާއަށެވެ. ލިބުނު ފުރުސަތުގައި އައިޝް ވެސް ކޮޓަރި ކުޑަކޮށް ތަރުތީބުކޮށްލާ ތަންމަތި ރަންގަޅުކޮށްލިއެވެ. 

ޔޫސުފް ބަލައި އައިޝް ފެންޑާއަށް ނިކުތްއިރު ސާމިޔާ އާއިއަކު އެހެން އަންހެން ކުއްޖަކުވެސް  ބޭރުފެންޑާގައި އިނެވެ.  ޔޫސުފް އޮތީ ސާމިޔާގެ އެ ރަހުމަތްތެރިއާގެ އަތުގައެވެ. އައިޝް ނިކުތުމުން އައިޝްއަތަށް އެކުއްޖާ ޔޫސުފް ދިއްކޮށްލިއެވެ. ޔޫސުފް އޮތީ ވަރަށް ބޮޑަށް ނިދިއައިސްފައި ކަމުން ނިންދެވުމަށްޓަކައި އައިޝް ވަނީ ކޮޓަރިއަށްށެވެ. އެވަގުތު އާތިފް ވެސް ކޮޓަރިއަށް އައިސް ވަނެވެ. "އައިޝް މިއުޅެނީ ބޭރަށް ދާން ފެންވަރަން، މަގޭ ތުވާލި ދިއްކޮށްލަބަލަ" އާތިފް ބުންޏެވެ. " ކުޑަކޮން ވާރޭ ވެސް އެބަ ވެހެއެއްނު، ކީއްކުރަން މިރޭ ދެން ބޭރަށް ދާން ތިއުޅެނީ؟ އައިޝް ސުވާލު ކޮށްލިއެވެ. އަޝްރަފް މެން ގޭގައި ކުޑަކަމެއް ކުރަން ޖެހިފައި އޮތީމާ ދަނީކަމަށް ބުނެ އާތިފް ފެންވަރަން ވަނެވެ.   

Monday, May 28, 2012

ބިންވަޅު ނެގުނު ފިޔަވަޅު 1


ގޭތެރެއިން އިވެމުންދަނީ އުފާވެރިކަމުގެ ހިނިތުންވުމާއި ލަވައިގެ އަޑެވެ. ދުވަހަކީ އައިޝްގެ ހަޔާތައް އައި އެންމެ އުފާވެރި އެއްދުވަހޭ ބުނުމަކުން އެއީ ދޮގަކަށް ނުވާނެއެވެ. އައިޝް ހުރީ އޭނާގެ ހަޔާތާމެދު އޭނާ ކުރި ފޮނި އުންމީދުތަކުގައި ކުލަޖެހެމުންދާ މަންޒަރު ބަލާށެވެ. އުފަލުން ފޮޅިފައެވެ. ހިތާ ހިތުން މަތްﷲ ގެ މިންވަރުފުޅަށް ޝުކުރުކުރާހާލުގައެވެ. އައިޝްގެ ކިޔެވުން ނިންމާލުމަށްފަހު 1990 ވަނަ އަހަރު ފެށި އާކައިވެނީގެ އެ ހަޔާތް ބާއްޖަވެރި ވުމަށް އެދި އެކުވެރިން ގެ ބަސްތައް އިއްވަމުންދިއައެވެ.

އައިޝްގެ އުމުރުން އަދި އެންމެ 18 އަހަރު ފުރުނީއެވެ. އާއިލާ އެންމެންގެ އެދުމުގެ މަތިން ދެމީހުން ދަސްކުރުމަށް ދުވަސްތަކެއް ހޭދަކުރުމެއް ނެތި ހަޔާތުގެ ދަތުރުފެށީ އަމާން އައްސޭރިއަކަށް ދިޔުމުގެ ނިޔަތުގައެވެ. ދިރިއުޅުމަކީ ކިހާ ވަރެއްގެ ކަމެއްކަން އެނގުމެއް ނެތިއެވެ. ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީސް ދިރިއުޅުމުގައި ކުލަޖެހި އިތުރު ފުރިހަމަކަމެއް ގެނެސްދިނީ އައިޝް އާއި އާތިފްގެ ލޯބި ލޯބި ދަރިފުޅު ޔޫސުފް އެވެ.
އާއިލީ ޒިންމާ އަދާކުރުމުގައި ދިމާވާ ދަތިތަށް ފޫބެއްދުމަށްޓަކައި، އައިޝް އަދާކުރަމުންދިޔަ ވަޒީފާ ދޫކޮށްލާ އާތިފް ގެ އެދުމުގެމަތިން ދިރިއުޅުން ރަށަށް ބަދަލުކުރިއެވެ. 6 މަސްވީ ކުޑަ ދަރިފުޅާއެކު އައިޝް ފިރިމީހާގެ ރަށަށް ބަދަލުވީ އުފާވެރި ދިރިއުޅުމެއްގެ އުންމީދުގައެވެ.

ފިރިމީހާގެ ރަށަށް ބޯޓު ލެފުމާއެކު އައިޝް ކެތްތެރިކަމެއްނެތި ގެއަށް ދިއުމަށް ތައްޔާރުވިއެވެ. ކަނޑުމަގުން ކުރި 7 ދުވަހުގެ ދިގުދަތުރަކަށް ވުމުން ވަރުބަލިކަން އިހުސާސްކުރެވުމާއެކު އަވަހަށް ފޭބުމަށެވެ. އާމާހައުލަކަށް، އާ އުންމީދު ތަކަކާއެކު ދާތީ ވެސް މެއެވެ.  ފިރިމީހާގެ އާއިލާ އަކީ ރަށުގެ ބޮޑެތި އާއިލާ ތަކުގެ ތެރެއިން ނަންކުރެވޭ އާއިލާއެކެވެ.   ފާލަންދޮށުން ގިނަ އަދަދެއްގެ ބަޔަކު ފެންނަން ތިބުމުން އައިޝް އާތިފް އާ ސުވާލުކުރިއެވެ. އައިޝްމެން ބަލައި އައިސް މަންމަމެން އެބަ ތިބިހެއްޔެވެ. އާތިފް ހިނިތުން ވެލާފާއި ބުންޏެވެ.  މީ ސަޕްރައިޒްއެކެވެ. ގޭއެކަކުވެސް ނެތެވެ.

ހަވީރުގެ ވަގުތެވެ. މަގުތަކުގައިވެސް މާގިނަ ބަޔަކުނެތެވެ. އާތިފް އޭނާގެ އާއިލާ ގޮވައިގެން ގެއާދިމާލަށް މިސްރާބުޖެހީ ހިނގާފައެވެ. ފާލަމާ ގެ އެހާ ދުރު ނުވާނެކަމަށް ބުނެފައެވެ. އައިޝް މެން ގެއަށް ދިއުމުން އާތިފްގެ މަންމަ އާއި ބައްޕަ އުފަލާއެކު އައިޝް މެންނަށް މަރުހަބާކިއެވެ. އަދި ގޭގައި ހުރި ކޮޓަރިއެއްގައި ނިދުމުގެ އިންތިޒާމުތަށް ހަމަޖައްސައިދިނެވެ.