Pages

Monday, October 1, 2012

Monday, August 27, 2012

ދަންމަރު


އަލި ދަންމަރެއް ފަދައިން ތިމާ، ފަތުރާށެ ބިމުގައި އަލިކަމެއް.
އަލި ރަންމުތެއް ފަދައިން ވިދާ، ބަބުޅާށެ ނުމެގޮސް އޮފުކަމެއް.
ފިނިފެންމަލުގެ ދަސްތާ ފަދައިން، ފަތުރާށެ ތަނުގައި މީރުވަސް.
ފިނިފިނި ރަބީޢުގެ ވައިތެރޭން، ގެނުވާ އެ ގޮތުގައި މީރުވަސް.
ގެނުވާށެ ޝަބްނަމް ތިކިފަދައިން، މިބިމަށް އުފާވެރި ފިނިކަމެއް.
ގެނުވާ ގޮތަށް މިހިތަށް ދިރުން، ފެނުމުން ފޮޅިފަ ވާ މާތަކެއް.
ނުމެދީ ތަނެއް ކަޅުފޮއި ވުމަށް، ގެނުވާށެ ނަލަނަލަ އަލިކަމެއް.
ނުމެދާ ގޮތަށް އަދު ބީވެގެން، ގެނުވާށެ މިތަނަށް ފަރިކަމެއް.
ފަތިހަށް ފޮޅޭ މާތަށް ފަދައިން، އުޅެމާހެ ފަތިހާ ތެދުވެގެން.
.ފަތިހުގެ ފިނީގައި ދޫނިތައް، އުދުހޭ ފަދައިން ފިކުރާވެގެން       

Friday, July 20, 2012

ކިޔަވަން ހިނގާ


ޤުރުޢާން ބާވާލެއްވެވީ ރަމަޟާން މިމައްސަރު އޭ ބުނަން.
ޤުރުޢާން ކިޔެވުން އިތުރުކޮށް ހެޔޮޢަމަލުތައް ކުރުމަށް ބުނަން.
ފަސްނުކޮށް ގަޑިއަށް ހިނގާ ހުރިހާ ނަމާދެއް  ވެސް ކުރަން.
ފަހެ ނަސީބެއް ހަމަ މިލެއްވީ އިތުރު ދުވަހެއްގައި ހުރުން.
ޙަތިމެއް ކުރަން ވިސްނާ މިމަހުގައި ތެދުވަމާހޭ ދެން ނުތިބެ.
ހަށި ސާފުކޮށް ދުރުވަން ހިނގާ ޣާފިލްކަމުގަ ތިޔަހެން ނުތިބެ.
ވެއްޖޭ ކުރަން ގަސްދެއް ހިތުން މިކަމާމެދުގަ ހުރިހާ ކުދިން.
ވޭއްޖޭ ނުލާހިކު ޢަޒުމުގައި ކިޔަވަން ފޮތެއް ކެރިހުރެ ކުދިން.
ފަރުބަދަ ކަނޑާ ހިނިތައް ފަދައިން ތިބެމާ ހިނގާ ގަދަކޮށް ޢަޒުމް.
ސާބިތުވެ ހުރެ ނިޔަތާ ދުލުން ކިޔަވާ ށެދެން ގަދަކޮށް ޢަޒުމް.

Thursday, July 12, 2012

ރަމަޟާން މުބާރިކް


ބަރަކާތް އިތުރު އެދިގެން ކުރޭ ހެޔޮހާ ޢަމަލު އޭމަގެ އަޙާ،
ބަނަވެވި ނުދާގޮތަކަށް ހަޔާތް އާރާސްތުކުރުމަށް މަގެ އަޙާ.
ސުލްހަވެ އެކީގައި ބަދަހިކޮށް ހީނަރުގުޅުންތަށް އޭއަޙާ،
ސުލްހަމަސްލަސްކަން އެގެނުއާ ގޭތެރޭގައި ވެސް އަޙާ.
ސުފުރާއެމަތި ޒީނަތްކުރަން ގިނަހޭދަތަށް ނުކުރޭ އަޙާ،
ސުރުހީ މައަޅަމޭ ވިސްނުމަށް މިކަމާމެދުގަ އޭމަގެ އަޙާ.
ބޭކާރު ކަމެކޭ ގިނަކުރުން ބާވަތް އިތުރު ލޮބުވެތި އަޙާ،     
ބާކީ ނުވާނޭހެން ތަކެތި ބޭނުންކުރަން ވިސްނާ އަޙާ.
އިސްރާފު ކުރުމަށް ކާތަކެތި ހެދުމުން މެ ގެއްލުންވޭ އަޙާ،
އިސްކުރާށޭ އަމަލުތަށް ސީދާކުރުން މިމައްސަރުގައި އަޙާ.
ހައި ހޫނުކަން އިޙުސާސްކުރުމުން ކެތްކުރަން ދަސްވޭ އަޙާ،
ހައިނުކޮށް ކުރުމުން މެ އަޅުކަން ފާހިޝްކަމުން ދުރުވޭ އަޙާ.
މަގު އެ ދައްކާ ނަފްސު ޠާހިރު ކުރުވައޭ  އޭމަގެ އަޙާ،
މަރުވަމުންދާ ނަފުސުވެސް ހޭލައްވައޭ މިކަމުން އަޙާ.
ޞަދަޤާތް އިތުރު ކުރުމީ މެމޮޅު ކަމެކޭ ކުރަން ބުނަމޭ އަޙާ،
ސާބިތުވެ ހުރެ ހެޔޮ އަމަލުތައް ގިނައިން ކުރަން ބުނަމޭ އަޙާ.
ރަމަޟާން އެމަސް ލައްވާފަވީ ދެއްވެވުމަށޭ ބަރަކާތް އަޙާ،
ރަމްޒީ ތަނެއް މީ ދުނިޔެއީ ބޭނުންހިފާ އަވަހަށް އަޙާ. 

ބިންވަޅު ނެގުނު ފިޔަވަޅު 10



ދުވާލުގެ ވަގުތުތަކުގައި ޔޫސުފް ގޮވައިގެން ގޭގެ މަސައްކަތްކުރަމުން ކިތަންމެ ބުރަކޮށް އުޅެން ޖެހުނު ކަމުގައި ވިޔަސް، ޓިއުޝަން ދޭން ހަމަޖައްސާފައިވާ ގަޑި ހުސްކުރުމަށް އައިޝް ވަރަށް މަސައްކަތްކުރެއެވެ. ކޮންމެ ހަފްތާއެއްގެ ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ރެއެއްގެ 8 ން ފެށިގެން 11އަކީ ޓިއުޝަން ނަގައިދޭ ގަޑިއެވެ. ކިޔަވަން އަންނަ ކުދިންނަށް ޓިއުޝަން ނަގާދެނީ ވެސް އައިޝް އުޅޭ ކޮޓަރީގައި ކަމުން، ޔޫސުފަށް ކާންދީ ތައްޔާރުކުރުމަށްފަހު ޔޫސުފް ނިންދަވަން ބާއްވައި، ޓިއުޝަން ނަގައި ދިނުމުގެ މަސައްކަތްވެސް ކުރަމުން ގެންދެއެވެ.

ލިބިފައިހުރި ވަރުބަލިކަމާއެކު އައިޝް ގެ މަސައްކަތް ނިންމާލުމަށްފަހު އޮށޯތީ ނިދަންށެވެ. އައިޝްއަށް ހޭލެވުނީ ފޯނު ރިންގް ވާއަޑަށެވެ. " ހަލޯ " ފޯނު ނެގުމާއެކު އާތިފް ވާހަކަ ދައްކަން ފެށިއެވެ. "އަހަރެން މިއުޅެނީ މިއަންނަ ހަފްތާގަ މާލެ ދާން، ރަށުން ސާމީއާ އޭނަގެ ފިރިމީހާ ދަރިފުޅު ޑޮކްޓަރަށް ދައްކަން މާލެ އެބައާދެ، މަންމަ ކާރީ ބުނެގެން ނަމަވެސް އެ މީހުންނަށް ގޭގައި ތިބެވޭ ގޮތެއް ހަމަޖައްސައިދޭންވާނެ" އާތިފް އެހެން ބުނުމާއެކު، " " ސާމީ މެންނަށް މިކޮޓަރީގައި ނިދިދާނެ އެއްނު އާތިފްއަށް ވެސް އިނގޭދޯ މިގޭގަ މާގިނަ ކޮޓަރިތަކެއް ހުސްކޮށް ނުހުންނަކަން، އަހަރެން ކޮންމެސް ގޮތެއް ހަމަޖައްސަ ދޭނަން.


 ސާމީމެން އަންނަނީ ކިހާތާކުތަ؟.އައިޝް ބުންޏެވެ. " އަދި ދުވަހެއް ނޭނގެ، ބުނީ ހަފްތާއެއް ކުރިން އަންގާލާނަމޯ، ކޮބާތަ ޔޫސުފް އެސޮރު މިހާރު ވަރަށް މަޖާދޯ؟ " އާތިފް އާއެކު މިގޮތަށް ވާހަކަ ދައްކާލަން ލިބެނީ ވަރަށް މަދު ފަހަރެކެވެ.  އާތިފް ގެ ޚަބަރެއް ނުވާތާ 4 ދުވަސް ފަހުން ގުޅި ފަހަރު ކަމުން ވަރަށް ގިނަ ވާހަކަ ދައްކަން ހުއްޓެވެ. " އާނ އާތިފް މިހާރު އެސޮރު ވަރަށް މަޖާ ހިނގަން ފެށީމަ އުރައިގެން ހުއްޓަކަ ނުދޭ، އަބަދު ބޭނުންވަނީ ފައިބައިގެން ހިނގަން، އާތިފް އައީމަ އިނގޭނެ." އައިޝްގެ ވާހަކަ މިހާ ހިސާބައް ދިޔަތަނާ އާތިފް އަށް މީހަކު ގޮވާ އަޑު އިވުނެވެ. "އައިޝް މަ އެބަ ދާންޖެހޭ، ތިކޮޅަން ފުރަމުން އަންގާލާނަން، މިހާރު ފޯނު ބާއްވަނީ. ގޭ އެންމެނަށް ސަލާމް ބުނާތި" މިހެން ބުނެ އާތިފް ފޯނު ކަނޑާލިއެވެ.

އާތިފްގެ ރިސޯޓް ކުޅިގަނޑު ހޯދުމަށްޓަކައި އައިޝް ޖަޕާނަށް ސިޓީ ފޮނުވިތާ 10ވަރަކަށް ދުވަސް ފަހުން ފޮނުވި ސިޓީގެ ޖަވާބު ޕޯސްޓުން ލިބިއްޖެއެވެ. އައިޝްގެ މަސައްކަތް ވަރަށް ކާމިޔަބެވެ. ސިޓީ ލިބުމުން ކެތްތެރިކަމެއް ނެތި އަވަސް އަވަހަށް ސިޓީ ކަނޑާލުމަށްފަހު ކިޔަންފެށިއެވެ. ތެދެކެވެ. އާތިފް ޙަޤީޤަތުގައި ވެސް ކަމެއް ހިންގާފައިވާކަން ސިޓީގައިވާ އިބާރާތުން ދޭހަވެ ސާބިތުވެއްޖެއެވެ. ހަމައެކަނި އެއެއްނޫނެވެ. ސިޓީއާއެކު އާތިފް އެނާއާއެކު ނަގާފައިވާ ފޮޓޯތައްވެސް ފޮނުވާފައި ހުއްޓެވެ.

ސިޓީ ކިއުމަށްފަހު، ލިބުނު ފޮޓޯތަކާއި ސިޓީ އަލަމާރިއަށް ލާ ފޮރުވިއެވެ. އާތިފް މާލެ އައުމުން އާތިފް އާ ސުވާލު ކުރުމަށްޓަކައެވެ.  އާތިފް ދުރުގައި ހުއްޓާ މިކަންތަކާ ވާހަކަ ދެއްކުން އެހާރަންގަޅުނުވާނެ ތީ ވެސް މެއެވެ. އާތިފްގެ ފަރާތުން މިފެންނަ ސިފަތަކަކީ އައިޝް ދުވަހެއްގައި ދުށުމަށް އެދުނު ސިފަތަކެއް ނޫނެވެ. ކިތަންމެ ދެރަވިއަސް ހިއްވަރުކޮށްފައި އެކުގައި އުޅުމަށް އައިޝް ގަސްދުކުރިއެވެ. އާތިފްގެ އެ އުޅުން ބަދަލުކުރުމަށް އައިޝް މަސައްކަތްކުރުމަށް އަޒުމް ކަނޑައެޅިއެވެ. ކެތްތެރިކަމާއި ހިކުމަތްތެރި ކަމާއެކުއެވެ. އައިޝް ގަސްދުކުރީ މަޑުމައިތިރިކަމާއެކު ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުމަށެވެ. އާތިފް މާލެ އަންނަން ދެން އިންތިޒާރު ކުރުމަށެވެ.

ދުވަސްތައް ފާއިތުވަމުންގޮސް އާތިފް މާލެ އަންނަން 2 ދުވަހަށް ވެފައި ވަނިކޮށް އާތިފް ގުޅައި ސީޒަންތެރެ ވީމާ އޮފްޑޭއަށް ދިއުން ފަސްކުރަން ޖެހިއްޖެކަމަށް ބުންޏެވެ. " އާތިފް ދެން ސަމާސަ ނުކޮށް ބުނެބަލަ ކޮންއިރަކުންތަ އަންނަނީ، އައިޝް މަޑުމޮޅި ރާގަކަށް އަހާލިއެވެ. " މިދަނީ ފުރަން، ބުނީމެއްނު ފުރަންދަމުން ބުނާނަމޭ، ފުރުން އަވަސްކޮށްލީ، ސާމީމެން ރަށުން ފުރާނެ 2ދުވަހެއް ފަހުން އެހެންވެ އަހަރެންގެ ޗުއްޓީ ކުރިއަށް ޖައްސާލީ، މިހާރު މިހިރީ ޖެޓީގައި އިރުކޮޅަކުން ނައްޓާލާނެ، ދެން މިވަގުތު ފޯނު ބާއްވަނީ" އާތިގެ ފޯނު ކޯލު ނިމިމުން އައިޝް އަވަސް އަވަހަށް ކޮޓަރިތެރެ ތަރުތީބު ކޮށްލާ ތަންމަތި ބަދަލުކޮށްލިއެވެ.

އާތީފްއަކީ ސާފުތާހިރުކަމަށް ވަރަށް ލޯބިކުރާމީހެކެވެ. އާތިފް ގެއަށް އަންނަ އިރު ކޮޓަރީގައި ތަރުތީބެއް ނެތިއްޔާ ހިތްހަމަ ނުޖެހޭނެކަން ވަރަށް ރަނގަޅަށް އައިޝްއަށް އެނގެއެވެ. ދޮންނަން ހުރި ހެދުންތަށް ދޮވެލާ ކޮޓަރިތެރެ ރީތިކޮށްލުމަށްފަހު ޔޫސުފްގޮވައިގެން މަންމަ ކާރިއަށް ދިއައެވެ. " މަންމާ މިހާރު ކިހިނެއްތަ ވަނީ، ކަކުލުގަ އަދިވެސް ވަރަށް ރިއްސާތަ؟ އައިޝް މަންމަ ގާތު އަހާލިއެވެ. އާތިފް މިއަދު މާލެ އެބަ އާދެ އޭނަގެ ކޮއްކޮއެއް ވެސް ރަށުން އަންނަވާހަކަ އޮތި ބުނެފަ، ކޮމްމެވެސް ގޮތަކަށް އެމީހުނަށް ތިބެވޭ ގޮތްވެސް ހަދާދޭން އެބަ ޖެހޭ. " އައިޝް މަންމަ އާވާހަކަ ދައްކަމުން ދިއައެވެ. " ދަރިފުޅާ މިހާރު މަންމަ ކުރިއަށްވުރެ ރަނގަޅު، އަދިވެސް ކުޑަ ރިހުމެއް ފައިގައި އެބަހުރި، އާތިފްގެ ކޮއްކޮ އެކަނިތަ އަންނަނީ؟ މަންމަ ސުވާލުކޮށްލިއެވެ.


 " ނޫން މަންމާ އެގޭ ސާމިއާއާއި އޭނަގެ ދަރިފުޅު އަދި ފިރިމީހާ 3 މީހުން.، އަހަރެން އާތިފް ކާރީ ބުނިން އެމީހުން ކޮޓަރީގައި ބައިތިއްބާށޭ ، ގޮދަޑި އަޅައިގެން އެ ދެމަފިރިންނަށް ތިބެވިދާނެ، އާތިފް އާއި ޔޫސުފް ކާރީ އެމީހުންގެ ދަރިފުޅު ނިންދެވިދާނެ ދޯ، އެ އެނދުގައި ނިދޭނެ އެ 3 މީހުނަށް، އަހަރެން މަންމަ ގެ ކޮޓަރީގަ އޮވެފާނަން" އައިޝްގެ ވިސްނުން މަންމައަށް ހުށަހެޅިއެވެ. " ތިގޮތް ރަނގަޅުވާނެ، ދަރިފުޅަން މިތާ މަންމަ އެނދުކާރީ ނިދިދާނެ" މަންމަ ވާހަކަ ދައްކަމުން ބުނެލިއެވެ.

މަންމަ ގާތު ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ޔޫސުފް ގޮވައިގެން ކޮޓަރިއަށް އައިއިރު ހުރީ އިރު އޮއްސުމާ ގާތްވެފައެވެ. ދުވަހަކީ ހަފްތާގެ އެންމެ ފަހު ދުވަސްކަމުން އައިޝް ގާތަށް ޓިއުޝަން ނަގަން އަންނަ ކުދިންނަށް ގުޅައި ޓިއުޝަން ބާއްވާދުވަސް ފަސްކުރުމަށް ނިންމިއެވެ. މިއަދުގެ ކުލާސް ހޮނިހިރު ދުވަހުގެ ހަވިރު ނަގައިދިނުމަށް ހަމަޖައްސާ ހުރިހާ ކުދިންނަށް ގުޅައި އެ ޚަބަރުދިނެވެ.

އާތިފްއަށް ގެއަށް އާދެވުނީ ޔޫސުފް ނިދާފައޮވައެވެ. " އައިޝް މި އާދެވުނީ ހަމަ، މާލެ އައިތާ އިރުކޮޅެއްވެއްޖެ އެކަމަކު މާލެ އޮފީހަށް ސާމާނުތަކެއް ގެންދަންޖެހިގެން ލަސްވީ" އާތިފް ކޮޓަރިއަށް ވަންނަމުން ބުންޏެވެ. "ގެނޭ ދަބަސް، ކުޑަކޮށް ރީތިވެލަންދޭ އަހަރެން އަންނާނަން ކާއެއްޗެއް ތައްޔާރުކޮއްލާފަ" މިހެން ބުނެ އާތިފްގެ ދަބަހުގައި ހުރި ސާމާނު ނެގުމަށްފަހު ބައެއް ދާ ތަކެއްޗާ އާތިފްގެ ފެންވަރަން ގެންގުޅޭ ތަކެތި ހިފައިގެން އައިޝް ހިނގައިގަތެވެ. ފާހާނާއަށް އެތަކެތި ލުމަށްފަހު އައިޝް ކާން ހެދުމަށްޓަކައި ދިޔައީ ބަދިގެއަށެވެ.

އާތިފް ފެންވަރައިގެން އައުމުން އެކުގައި ބަދިގެއަށްގޮސް ކެއުމަށްފަހު މަންމަ އާ ބައްދަލުކޮށްލަން އާތިފް ދިޔައީ މަންމަ ކޮޓަރިއަށެވެ. އައިޝް ބަދިގޭގަ ހުރި ކޭ ތަށިތައް ނެގުމަށްފަހު އައި އިރުވެސް އާތިފް އިނީ މަންމައާ ވާހަކަ ދައްކަން އެ ކޮޓަރީގައެވެ. އާތިފަކީ އަބަދުވެސް އައިޝްގެ އާއިލާ މީހުންނަށް ކަމޭހިތާ އޯގާތެރި މީހެކެވެ. އައިޝްއާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް އައިޝްގެ މަންމަ މެންދެކެ އާތިފް ވަރަށް ލޯބިވެއެވެ. ވަރަށް އަޅާލައެވެ. ގޭގައި އުޅޭ ހުރިހާ ކުޑަކުދިންވެސް އާތިފް ދެކެ ވަރަށް ލޯބިވާނެއެވެ.

މަންމަ ގާތު ވާހަކަ ދެއްކުމަށް ވަގުތު ހޭދަކުރުމަށްފަހު ނިދުމަށްޓަކައި ދެމީހުން އެކުގައި އައީ ކޮޓަރިއަށެވެ. އައިޝް ބަސްމަދުކޮށްހުންނާތީ އާތިފް އައިޝްއާ ސުވާލުކުރިއެވެ. އައިޝް މާ މަޑުން އަނގައިން ނުބުނެ ތިހުންނަނީ ކީއްވެތަ؟ އައިޝް ލިބުނު ފުރުސަތުގައި އާތިފް އާސުވާލުކުރިއެވެ. އާތިފް ޔޮކޯ އެއީ ކާކުތަ؟ އާތިފްގެ ނަމުގައި އައި ސިޓީއެއް އެބައޮތް އާތިފް މަށަށް ކިތަންމެ ދޮގެއްހެދިޔަސް އަހަރެން އޮންނާނީ އެއީ ކާކުކަން ވަރަށް ރަނގަޅަށް ބަލާފަ" އެހެން ބުނެ އައިޝް އަލާމާރި ހުޅުވާލުމަށްފަހު ފޮރުވާފައި ބެހެއްޓި އާތިފްގެ ފޮޓޯތައް ނަގާ އާތިފް އަތަށް ދިއްކޮށްލިއެވެ.

އާތިފް ހައިރާންވުމުގެ ބަދަލުގައި އައީ ރުޅިއެވެ. ރިސޯޓް ދާއިރާގައި އުޅޭއިރު ރަށްޓެހިން ތިބޭނެ، އެމީހުނާއެކު ފޮޓޯވެސް ނަގާނެ، ތަންތަނަށްވެސް ދާނެ، އައިޝް ތި މާ ކަންތައްގަނޑު ބޮޑުކުރަނީ" އާތިފް ވަރަށް ހަރުއަޑުން އައިޝްއާދިމާލަށް ބުނެލިއެވެ. " ކަންތައް ބޮޑެއް ނުކުރަން އާތިފް ހީކުރަނީތަ އަހަރެން އޮޅުން ނުފިލުވަކަމަށް މިއަހަނީ، މިއޮތީ ޔޮކޯ ފޮނުވި ސިޓީ، މީގައި މިއޮތީ ހަމަ ރައްޓިސަކަށް ލިޔާ އިބާރާތްތަ؟ ހަނދާނުން ނުފިލާކަމަށް ބުނެފައި މިއޮތީ ރައްޓެހިންނާ އެކު ކުރާ ކަންތައްތަ؟ އައިޝް ކުޑަކޮށް ރޮވޭގޮތްވެފައި ހުރިނަމަވެސް ހިއްވަރު ކޮށްލާފައި ސުވާލުކުރިއެވެ.

އާތިފް ގެ ހިތައް އައިހައި ހަޑިއެއްޗެއް އައިޝްއާ ދިމާލަށް ގޮވުމަށްފަހު، އިތުރު ވާހަކައެއް ދައްކަން ބޭނުންނޫންކަމަށް ބުނެ އައިޝްއަށް ފުރަގަސްދީގެން އެނދުގައި އޮށޯތެވެ. އައިޝް މިކަން އިތުރަށް އަހާކަށް ވެސް ބޭނުމެއްނުވިއެވެ. ގޭމީހުންނަށް އާތިފްގެ އެ މިޒާޖު ދައްކަން ބޭނުމެއްނުވިއެވެ. ދެމީހުންގެ ދޭތެރޭގައި ޖެހޭ މައްސަލަތަކަކީ އާއިލާ މީހުނަށް އެނގެން ޖެހޭ އެއްޗެއް ނޫނަކަމަށް އައިޝް އަބަދުވެސް ޤަބޫލުކުރެއެވެ. 

Wednesday, July 4, 2012

އެދެމޭ ދަރުމަ އަޅު ޙަޟުރަތުން


ފެށުމެއްކަމަށް ބިމު ލެއްވިހެން، މިއަޅަށް ޢަފޫ ދެއްވުން އެދެން.
ފެނުމާ އިވުން ދެމި ލެއްވިހެން، މިއަޅަށް ނަޖާ ދެއްވުން އެދެން.
ކުއްފާފަތައް ފުއްސެވުމަށާއި، ރަޙުމަތް އިތުރު ލެއްވުން އެދެން.
ކުއް ހީތަކުން މިއަޅާގެ ހިތް، ޠާހިރުވެހުރެ ނިމުމަށް އެދެން.
ލެނބިގެން ނުގޮސް ގިނަ ދަޅަތަކަށް، ކެތެރިވެގެން ހުރުމަށް އެދެން.
ލެއްވުން އަބަދު ހެޔޮހާ ދަރުމަ، މި ހަޔާތުގައި އަބަދުމެ އެދެން.
ރަޙުމަތުގެ މަގު ދައްކާނުތޯ، ކުރަމޭ ދުޢާ އަޅު ހެޔޮ ހިތުން.
ރުއްސެވުމުގައި ލައްވާނުތޯ، އަބަދުމެ އެދެން ހަމަ ތެދު ހިތުން.
ނުދަނީސްވެގެން ވެއްޔާ މޮޑެވި، ހަމަ ތެދުމަގަށް ދިއުމަށް އެދެން.
ނުމެ ބީވެދާ މާތް ޙަޟުރަތަށް، ސާބިތުކަމުގަ ދިއުމަށް އެދެން.

Friday, June 29, 2012

ބިންވަޅު ނެގުނު ފިޔަވަޅު 9


އާތިފް އެގޮތަށް ކަންތައްއެކުރަނީ ކީއްވެހެއްޔެވެ. އަހަރެންގެ އޮތީ ކޮން ކުށެއްހެއްޔެވެ. އައިޝް ހިތާހިތާ ސުވާލުކޮށްލިއެވެ. އަހަންނަށް މިހެން މިހަދަނީ ކީއްވެބާއެވެ. އާތިފް އަދިވެސް އެ އުޅުން ދޫނުކުރަނީ ބާއެވެ. އައިޝްއާ ވާހަކަ ނުދައްކާ އެގޮތަށް އެ ދިޔައީ ކީއްވެބާއެވެ. އެކި ކަހަލަ ޝުޢޫރުތައް އައިޝްގެ ހިތަށް އަރަމުން ދިއައެވެ.  އައިޝް ވިސްނަން ބޭނުން ނުވިކަމުގައި ވިޔަސް އެކަމާ ފިކުރު ނުކޮށް ނުހުރެވުނެވެ.

އޮފީހުގައި މަސައްކަތް ބުރަވުމުން ލިބިފައިވާ ވަރުބަލިކަމަށްވުރެ މިހާރު އައިޝްގެ ހިތަށާއި ސިކުނޑިއަށް ލިބިފައިވާ ވަރުބަލިކަން ބޮޑެވެ. ޔޫސުފް ގޮވައިގެން އިރުކޮޅަކު އޮވެލާފަ ތެދުވީމަ ރަނގަޅުވާނެއޭ ހިތާ އެނދުގައި އޮށޯވެލިއެވެ. ޚިޔާލުތަކާ ދުރަން ދާން އުޅުނަސް އައިޝް އިތުރަށް ދިއައީ އެ ޚިޔާލުތަކުގެ ތެރެއަށް ގެނބެމުންނެވެ. އައިޝް ނިއްކުރިމަތީ އަތްބާއްވައިގެން ފުންޚިޔާލުގައި އޮއްވާ އައިޝްގެ މަންމަ ކޮޓަރިއަށް އައިސް ވަނެވެ. ދަރިފުޅު ހާދަ ބޮޑު ފިކުރެއްގަ. އަނެއްކާ ހުރިހާކަމެއް ރަނގަޅުތަ. ބަލީތަ؟ މަންމަގެ އެވާހަކަތައް ކުރިއަށް ގެންދިއަ ނުދިނުމަށްޓަކައި " މިއުޅެނީ ކުޑަކޮށް ބޮލުގަރިއްސާތީ ކަމަށް ބުނެ މަންމައަށް އައިޝް ހިތުގެ އުދާސްތައް ފޮރުވިއެވެ.

"މަންމަ އަތަށް އެސޮރުދީ، ކުޑަކޮން ނިދާލާފަ ތެދުވީމަ ތި ބޮލުގަރިހުން ރަނގަޅުވެދާނެ" މަންމަގެ އެ އޯގާތެރި ބަސްތަކުން އައިޝްގެ ލޯ ފެންކަޅިވިއެވެ. މަންމާ މަންމަ ހާދަރަނގަޅޭ. ޔޫސުފް ގޮވައިގެން ދޭ. އަހަރެން ކުޑަކޮށް ފެންވަރާ ރީތިވެލީމަ މިކަން ރަނގަޅުވެދާނެ" އެހެން ބުނެ އައިޝް މަންމަ އަތަށް ޔޫސުފް ދިއްކޮށްލިއެވެ. އައިޝްގެ ލޮލުގެ ތެރެއަށް ގިނަވަމުން ދިޔަ ކަރުނަ މަންމަ އަށް ދައްކާކަށް ބޭނުމެއްނުވިއެވެ. ލޯމަތީ އަތް އަޅާލުމަށްފަހު ކަރުނަތަށް ފޮހެލިއެވެ. ހިތުތެރޭގައި ހުރި ރިހުން މަންމަ އަށް ފޮރުވުމަށްޓަކައެވެ.

ޔޫސުފް ގޮވައިގެން މަންމަ ދިއުމުން އައިޝް އިރުކޮޅަކު އޮށޯވެލައިގެން އޮތުމަށްފަހު، ވަނީ ފެންވަރާށެވެ. އިރުއޮއްސެމުން ދިޔަ ވަގުތު ކަމަށްވާތީ ނިދުމަކީ އެހާ ރަނގަޅުކަމެއް ނޫންކަން ވަރަށް ކުޑައިރުއްސުރެ އައިޝްގެ މަންމަ ވަނީ ކިޔާދީފައެވެ. 12 ކުދިން ބަލާ ބޮޑުކުރީ މަންމަގެ ފުރިހަމަ އޯގާތެރިކަމާއި ލޯބި ދީގެންނެވެ. އެއްވެސް ކުއްޖަކަށް ތަފަތު ކުރުމެއް ނެތިއެވެ. އެކަމުގެ ނަތީޖާއަކީ އައިޝްގެ އާއިލާގެ އެކުވެރިކަމާއި ބަދަހި ގުޅުމެވެ.

މަންމަގެ އޯގާތެރިކަމާއި ލޯބި ނުލިބުނުނަމަ މިއަދު އައިޝް ކުރާނީކީއްހެވެ. މަންމަގެ ހިތުގަ ޖެހިދާނެތީ، އައިޝްގެ ހިތުގެ ހާލު މަންމައަށް ކިޔާދޭކަށް ނުކެރުނެވެ. ފިރިމީހާ ގެ މަޤާމާއި، އަންބެއްގެ ވާޖިބުތަކަކީ ކޮބައިކަން ވަރަށް ރަނގަޅަން ވަނީ އައިޝްމެނަށް މަންމަ ދަސްކޮށްދީފައެވެ. ކެތްތެރިވުމާއި ދަރިންގެ ހައްޤުގައި ވާންޖެހޭ ގުރުބާނީ ވަނީ މަންމަގެ ތަރުބިއްޔަތުން އައިޝްގެ ހިތުގައި ބިންވަޅުނެގިފައެވެ.

ހިތްވަރުކޮށްފައި ދިރިއުޅުމުގެ ހަނގުރާމައިގައި ކުރިޔަށްދާން އުޅުނަސް އައިޝްގެ މަގަށް ހުރަސްއަޅާ އެތަށްކަމެއް ދަނީ ދިމާވަމުންނެވެ. ނަމަވެސް އައިޝް ހިތްވަރެއް ނުއެލުވައެވެ. އަދި ވެސް މަސައްކަތްކުރަނީ ހިތާމަތައް ހިތުން ފޮހެލުމަށެވެ. އައިޝްގެ ހަޔާތަށް ބަނަ ވިލާގަނޑެއް އަރާފައިވާކަހަލައެވެ. އެއްވެސް ގޮތަކަށް އަލި ރާސްތާއަކަށް ދެވޭނެ ކަމުގެ އުންމީދެއްނެތެވެ.

އާތިފް ރިސޯޓަށް ދިޔަފަހުން ކޮންމެރެއަކު ގުޅަމުން އައި ގުޅުން ހަފްތާއަކު 2ރެއަށް ބަދަލުވިއެވެ. އައިޝް އާތިފްގެ ފޯނުކޯލަށް އިންތިޒާރުކުރަމުން ދިއައެވެ. ހިތުގައި ހިނގަމުންދިޔަ ސުވާލުތަކަށް އާތިފްގެ ކިބައިން ޖަވާބެއް ހޯދުމަށެވެ. ޔޫސުފް ގޮވައިގެން ނިދިފާ އޮއްވާ އައިޝްއަށް ހޭލެވުނީ ފޯނު ރިންގވާ އަޑަށެވެ. ފުންމައިގެން ތެދު ފޯނާ ދިމާލަށް އަވަސް އަވަހަށް ހިގައިގަތެވެ. އެ އަޑަށް ޔޫސުފް ހޭލަފާނެތީއެވެ.

"ހަލޯ  އައިޝް" އާތިފްގެ އަޑު ގައި އެއްވެސް އުފާވެރިކަމެއް ނެތް ގޮތަކަށް އައިޝްއާ ވާހަކަ ދައްކަންފެށިއެވެ. "އައިޝް ކިހިނެތްތަ؟ ހުރިހާކަމެއް ރަނގަޅުދޯ، " އާތިފް މިހެން ބުނުމާއެކު އައިޝް އަށް ނުހުރެވިގެން ބުނެވުނެވެ." އާތިފް ތި ރިސޯޓުން ކޮންމެވެސް އަންހެނެއްގެ ކަމެއް ކުރާ ވާހަކަ އަހަންނަށް އެބަ އިވޭ. މާލެ އައީވެސް އެބަޔަކާ އެކީކަމަށް ވަނީ" އައިޝްގެ ވާހަކަ މިހިސާބަށް ދިއުމާއެކު އާތިފް ވަރަށް ހިތްހަމަނުޖެހިފައި ބުންޏެވެ. "އައިޝް މީހުން ދައްކާވާހަކަ އަޑުއަހާކަށް ނުޖެހޭނެ." ކާކު އަނެއްކާ މޮޅު ވާހަކައެއް އެ ފަތުރަނީ؟ " އާތިފް ގެ އަޑުގައި ރުޅިވެރިކަމުގެ އަސަރު ހުރިލެއް ބޮޑުކަމުން އައިޝް އިތުރަށް އެކަމާ ސުވާލުނުކޮށް ހުއްޓާލިއެވެ. " އައިޝް މީގެ ފަހުން ތިކަހަލަ ބޭކާރު ސުވާލު ނުކުރާތި، އަހަރެން އެބަޖެހޭ ތަނަކަށް ދާން. ދެން ފޯނު ބާއްވާ، ވަގުތުވީމަ ގުޅާނަން" މިހެން ބުނެ އާތިފް ފޯނު ކަނޑާލިއެވެ.

އައިޝްގެ ސުވާލުތަކަށް އާތިފްގެ ފަރާތުން އެދެވޭ ޖަވާބެއްނުލިބުނެވެ. އައިޝް ގަސްތުކުރީ އިވުނު ވާހަކަތަކަށް ބީރު ކަންފަތެއްދީ އިތުރަށް ސުވާލުނުކުރުމަށެވެ. ހިތުގައި ހުރި ސުވާލުތަކަކީ ޖަވަބުލިބޭނެ ސުވާލުތަކެއް ނޫނެވެ. އާތިފް އެކަންކަން ދޮގުކުރާނަމަ އެކަމާ ސުވާލުކުރުމަކީ އައިޝް ދެކޭ ގޮތުގައި މޮޔަކަމެކެވެ.

އެއްދުވަހެއްގެ ހަވީރެވެ. އައިޝް އޮފީހުން ގެއަށް އައިސް ވަނުމާއެކު އައިޝްގެ ކޮއްކޮ ޖަމީ އައިޝްއަށް ގޮވާލާފައި ބުންޏެވެ. "އައްތޫ" އެބައޮތް އާތިފްބެގެ ނަމުގައި ލިބިފަ އޮތް ސިޓީއެއް. އަންނާނަން އެ ހިފައިގެން" މިހެންބުނެ ޖަމީ ގޭތެރެއަށް ހިނގައިގަތެވެ. ސިޓީ ހިފައިގެން އައުމުން އައިޝް ވެސް ވަނީ ކޮޓަރިއަށެވެ.

ސިޓީ އެޑްރެސްކޮށްފައި ވަނީ އާތިފްއަށެވެ. ފޮނުވީ ކޮންތާކުންތޯއާ ކާކުތޯ އައިޝް ބަލާލިއެވެ. ސިޓީ ލިބިފައިވަނީ ޖަޕާނުންނެވެ. ސިޓީއުރަ ކަނޑާލުމަށްފަހު ބެލިއިރު އޭގައި އޮތީ ފޯސްޓްކާޑެކެވެ.  އޭގެ ފުރަގަހުގައި އައި ލަވް ޔޫ މިހެން ލިޔެ،އެކިކުލަ ކުލައިން ހިތްތަކެއް ކުރަހާފާ ހުއްޓެވެ. މާގިނަ ވާހަކަ ތަކެއް ލިޔެފައި ނެތްކަމަކު، އޭގައިވާ ބަސްތައް ދިޔައީ އައިޝްގެ ހިތް ކުދިކުދި ކުރަމުންނެވެ. މީ ކިހިނެތް ހިނގާ ކަމެއްތޯ ބަލަން އައިޝް ގަސްދުކުރިއެވެ. އާތިފްއަށް ނާންގައެވެ. މިކަން ވަރަށް ރަނގަޅަން ބަލާފަ ނޫނީ އާތިފްއާ އިތުރަށް ސުވާލު ނުކުރަން ގަސްދުކޮށް ސިޓީގައި ވާ އެޑްރެހަށް އާތިފްގެ ނަމުގައި އައިޝް ސިޓީއެއް ފޮނުވިއެވެ.

އެންމެ ފަހުން އާތިފްއާ ފޯނުން ވާހަކަ ދެއްކިފަހުން އައިޝް އާތިފްއާ އެކަހަލައެއްވެސް ސުވާލެއްނުކުރެއެވެ. އަދި ލިބެމުން ދިޔަ ހިތްދަތިކަން އެކަކަށްވެސް އަންގަން ބޭނުމެއްވެސް ނުވިއެވެ. އައިޝް ވަޒީފާއަށް ވަންތާ ގާތްގަނޑަކަށް އަށެއްކަ މަސްވަނީއެވެ. އާތިފްގެ މިޒާޖު ހުރީ ހަމަ ކުރިއެކޭ އެއްބީދައިންނެވެ. ވަކި ބަދަލެއް ނާދެއެވެ. ގުޅާ ފަހަރަށްވުރެ ގިނަވާނީ ނުގުޅާ ފަހަރެވެ.

އައިޝްގެ ދިރިއުޅުން ބައްޓަން ކުރަން ޖެހިފައިވަނީ ވަޒީފާއަށް ދިއުމާއި ލިބިފައިވާ ދަރިފުޅު ބެލުމުގައެވެ. މިގޮތަށް ދުވަސްތައް ފާއިތުވަމުން ގޮސް ކުއްލި ގޮތަކަށް އައިޝްގެ މަންމަ ވަރަށް ބޮޑަށް ބަލިވިއެވެ. ޔޫސުފް ބަލަން ހަވާލުކުރާވަރަށް ވުރެ މަންމަގެ ހާލުބޮޑެވެ. ގޭގައި އުޅޭ ކޮންމެ މީހެއްގެ ކުޑަ ކުއްޖަކު އޮތުމުން ކޮންމެ ކޮންމެ ދުވަހަކު ޔޫސުފް ބަލަން ޙަވަލުކުރާކަށް އައިޝްއަށް ނުކެރުނެވެ. އެންމެ ފަހުން އައިޝްއަށް ޖެހުނީ ވަޒީފާއިން ވަކިވާށެވެ.  

 ވަޒީފާ ދޫކޮށްލި ނަމަވެސް އައިޝްގެ ނިޔަތަކަށް އުންމީދުތަކަކަށް ބަދަލެއްނާދެއެވެ. އައިޝް އަކީ ހިތްވަރުގަދަ ކެރޭ މީހެކެވެ. ދިރިއުޅުމަށްޓަކައި އާމްދަނީ ލިބޭނެގޮތަކާއި މެދު އަބަދުވެސް ވިސްނާ މީހެކެވެ. ބޭކާރު ގޮތުގައި ވަގުތު ހޭދަކުރުމަކީ އައިޝް އެއްއިރެއްގައި ވެސް ރުހޭކަމެއް ނޫނެވެ. ސްކޫލް ދަޢުރުގައި ވެސް އައިޝްއަކީ ހީވާގިކަމާއެކު ކިޔަވަމުން ފައިސާހޯދުމަށްޓަކައި ކުދިންނަށް ޓިއުޝަންދެމުން ގެންދިޔަ މީހެކެވެ. ބޭކާރު މީހެއްގެ ގޮތުގައި އުމުރު ނަގާލުމަކީ އައިޝް ދެކެން ބޭނުންވާ ދުވަހެއް ނޫނެވެ. މިއަދުގެ ހާލަތު ނިއާކުރިގޮތުން އަނެއްކާވެސް އައިޝް ގަސްދުކުރީ އެކަމުން އާމްދަނީ ހޯދުމަށް ގޭގައި ޓިއުޝަންދޭށެވެ.

ދުނިޔޭގައި ހޭދަކުރި 21އަހަރު ތެރޭގައި އައިޝްއަށް ލިބިފައިވާ ތަޖުރިބާއާ ލިބިފައިވާ ފިލާވަޅުތައް މަދެއްނޫނެވެ. އައިޝް ދެކޭގޮތުގައި ދިރިއުޅުމަކީ ހަނގުރާމައެކެވެ. ދަތިވާފަހަރާ، އުނދަގޫވާ ފަހަރުވެސް އަންނާނެއެވެ. ކާމިޔާބީ އޮތީ ދިރިއުޅުމުގެ ހަނގުރާމަގައި ކެއްތެރިވެ ދިމަވާ ދަތިތަކުގައި ހިތްވަރު ގަދަކޮށްގެންނެވެ. 

Tuesday, June 26, 2012

ހެޔޮ ދަރުމަ


ދުނިޔޭގެ ލައްޒަތު ހޯދުމަށް ކެރިހުރެ މަސައްކަތް ކުރިކަމަކު.

ދުނިޔޭގެ އެދުމަށް ހެއްލިގެން ގިނަ މަގު ތިމާ ދެން ކޮށިކަމަކު.

ލިބުމެއް ނުވޭ އެއްވެސް ކަމެއް ހިތުގައި އެދުންތައް އޮތްކަމަކު.

ލިބުމަށް އެދެވި ތެދު ނިޔަތުގައި ސާބިތުކަމާއެކު ހުރިކަމަކު.

ދެއްވުން އޮތީ މިންވަރުފުޅުން ހަމަޖެހިފަކަން ބުނަމޭ މިތާ.

ދެއްވާނުތޯ އެދިގެން ދުޢާ ކުރުމޭ އޮތީ ތެދުކޮށް ހިތާ.

ވަގުތެއް އޮވޭ ހަމަޖެހިވުމަށް އެދެވޭ ކަމަށް އަޅު ހަޟުރަތުން.

ވަގުތާއި ސާއަތުވެސް އޮތީ މަތިވެރިވިމާތް އަޅު ހަޟުރަތުން.

ދެއްވުން އެދޭ ހިނދު އަޅަމެނަށް ހެޔޮ ދަރުމަތައް ދެއްވާނެއޭ.

ދެއްވާނެ ނިޢުމަތުގައި ހިލާ އެކަކަށް އަތެއް ނޭޅޭނެއޭ.

Sunday, June 24, 2012

ނިޢުމަތް




ލިބިފަވާ އުފަލާ އަރާމަށް ޝުކުރު ނުކުރާ ބަޔަކުވޭ.

މި ބިމުގައި ބޯލާނެ ފެންފޮދު ނެތްބަޔަކު ވެސް ދިރިއުޅޭ.

ވަންނާނެ ގެދޮރެއް ކާނެކެއުމެއް ނެތިފަ ތިބެޔޭ ގިނަބަޔަކު.

ވާ ހަޔާތާމެދު މިތާނގާ ފިކުރު ކުރަނީ މަދުބަޔަކު.

ނިޢުމަތުން މަހުރޫމުވެފަ ތިބި ބަޔަކުވޭ ތަންތަން ބެލުން.

ނިޢުމަތޭ މީ ލިބިފަވާ އިވުމާ، ފެނުން އަދި ދޫހެލުން.
        
                
                                  ލިޔުނީ: އުފާ




                       

އެކުވެރިކަން



އެކުވެރިއެކޭ ތިމާގެ ދުލުން ހަމަ ބުނުމަކުން ނުފުދޭނެޔޭ
އެކުގައިވެ ހުރެ އަމަލުން އެކަން ދައްކަން އަބަދުމެ ޖެހޭނެޔޭ
ހެޔޮކަމެއް ކޮށްދޭ ހިނދަކު ތެޔޮހަމެއް ދެން ހަމަ ނުދީ
ހެޔޮނުވާ ޒާތުގެ ބަހުން ވާހަކަ ނުދައްކާ ހަމަލަދީ
ވާހިނދު އެ މެދުވެރި ދެރަކަމެއް ސާބިތުކަމާއެކު ނުމެ ފިލާ
ވާކަމެއްގައި ވެސް އެހީތެރިވުން މޮޅޭ އެއްބާރުލާ
ނާރުތަކުގައި ލޭހިނގާ ހާ ދުވަހު އެކުގާ ވުން މޮޅޭ
      ނާހިލާ ނުމެގޮސް ސަފުން ވަކިނުވެ ހުރުން ވެސް މާ މޮޅޭ

                             ލިޔުނީ: އުފާ

ހެއްލުމަކީ ގެއްލުމެއް


މީހަކާ އިނދެގެން އުޅުނު ކަމުގައި ވިޔަސް ހެޔޮއޭ ތިމާ
މީހަޤީގަތް ކަން އެ ފޮރުވައި ކުރެމެއޭ ގިނަހާ މަޖާ
މީރުހާ ކެއުމާއި ބުއިންތައް ދީ އެ ގެންގޮސް ތަންތަނަށް
ރީތި ހެދުމާ ފޯނުބިލް ދައްކައި ދެނީ ވެސް ހެއްލުމަށް
ގޭގެ އެއްބައި ދީގެންވެސް ބޭނުންވަނީ އެކުގާ އުޅެން
ގައި ތިމާ ނެތަކަސް ވަރެއް ބޭނުންވަނީ ކެރިގެން އުޅެން
ކޮޅުކޮޅުން ހަމަ އިވުނަކަސް އަޑު ގެންގުޅޭކަން ގިނަބިޓުން
މޮޅުއެ ވާހަކަ ދައްކައޭ ފޫބެއްދުމަށް އޭނާ ހިތުން
ހަސްނެތިފަ ހުއްޓަސް ތިމާ ބޭނުންވަނީ ޅަކުދިން އިނގޭ
ގަސްތުގައި ކުރިޔަސް ތީއީ މޮޔަކޮށް ކުރާކަމެކޭ އިނގޭ

                           ލިޔުނީ: އުފާ

Saturday, June 23, 2012

8ބިންވަޅު ނެގުނު ފިޔަވަޅު



އައިޝް އިސްތިރިކުރަން ހުއްޓާ އާތިފް ކޮޓަރިއަށް އައިސް ވަނެވެ. " ފުރުން އަވަސްވެއްޖެ، މާދަމާ މެންދުރުފަހު ފުރަންޖެހޭކަމަށް ރިސޯޓުން ގުޅާފަ ބުނެފި" އާތިފް މިހެން ބުނުމާއެކު،"އަހަރެން ދަބަސް ރެޑީކޮށްލާނަން، އާތިފް ކިތައް ހެދުން ގެންދާން ބޭނުމީ؟ " އައިޝް އަހާލިއެވެ. " މާގިނަ އެއްޗެއް ބޭނުމެއް ނުވާނެ، 2 ސޯޓުބުރިޔާ 2 ޓީޝާރޓް ދަބަހަށް ލީމާ ރަންގަޅުވާނެ" އާތިފް މިހެން ބުނުމަށްފަހު ބަދިގެޔާ ދިމާލަށް ހިނގައިގަތެވެ. " ކާންހަދަން އެބަދަން މި ނިންމާލީ އިސްތިރިކޮށް، މަވެސް އަދި މިހުރީ ނުކައި". އައިޝް އިސްތިރިކޮށްފައި ހުރި ތަކެތި އަލަމާރިއަށް ލުމަށްފަހު އާތިފް އަށް ކާން ހަދާދިނުމަށްޓަކައި ދިޔައީ ބަދިގެއަށެވެ.

ކުރަން ހުންނަ މަސައްކަތް ގިނަކަމުން ދުވަހުގެ ވަގުތު ދާގޮތްވެސް ނޭނގެއެވެ. އިރު އަރާއިރު އޮންނަނީ އަނެއްކޮޅުން އިރު އޮއްސިފައެވެ. ދަރިފުޅުގެ ކަންތައް ކޮށް އަވަދިވާއިރު ކޮންމެވެސް ގޭގެ އެހެން މަސައްކަތެއް އޮންނަނީ ކުރަންޖެހިފައެވެ. ގިނަ ދުވަސް ދުވަހު ހިންދަމާލާނެ ވަގުތެއް ނުވެޔޭ ބުންޏަސް ރަނގަޅުވާނެއެވެ. ހުކުރު ހޮނިހިރުގެ ހާލު ހަފްތާގެ އެހެން ދުވަސް ދުވަހަށް ވުރެ ބޮޑުވާނެއެވެ. ޔޫސުފް ނިދަން އޮންނަ ބައެއް ވަގުތު ތަކަކީ އައިޝްއަށް އަރާމުކޮށްލަން ލިބޭ ވަގުތެވެ.

ހޮނިހިރު ދުވަހުގެ ހަވީރަކީ ގޭ ހުރިހާ ކުޑަކުދިން ރީތި ކުރުމަށްފަހު ބޭރަށް ޖެހިލުމަށް ލިބޭ ދުވަސް ކަމަށް ވާތީ އެހެން ދުވަސް ދުވަހަށް ވުރެ އަވަހަށް އައިޝް ފެންވަރާ ތައްޔާރުވިއެވެ. ދޮންތީގެ ދަރިފުޅު ސާމިހުއާއި މަރީގެ ދަރިފުޅު ޖަޒޫ އަދި ފަރޫ ވެސް މުސްލީ ގޮވައިގެން ހިނގާލަން ދިއުމަށް ނިކުތެވެ. "ކޮބާ އައިޝް އަދިވެސް ރެޑީ ނުވަންދޯ؟ މަރީ އައިޝްއަށް ގޮވާލުމަށްފަހު ބުންޏެވެ. "ކިހިނެއް އަވަސް ކުރާނީ، މާދަމާ އޮފީހަށް ދާންޖެހޭނެ އަދި އާތިފް ވެސް ފުރަނީ މާދަމާ، އެކަންތައްގަނޑުގަ މިއަދު ކުޑަކޮށް ލަސްވީ. ނަސީބެއް އަހަންނަށް ކުރިން ފެންވަރައިގެން ހުރެވުނުކަން. ޔޫސުފް ރީތި ކޮށްލީމަ މި ނިމުނީ" މިހެން ބުނެ އައިޝް އަވަސްކޮށްލައިގެން ހިނގާލަން ދާން ނިކުތެވެ.

މިގޮތަށް އާއިލާ އާއެކު ހޭދަކުރަން ލިބޭ އުފާވެރި ވަގުތުތަކަކީ އައިޝް އެވަގުތަކަށް އިންތިޒާރުކުރި ވަގުތެވެ. ލިބިފައިވާ ހިތްދަތިކަން މަޑުމަޑުން ފޮހެވި އައު އުޖާލާކަމެއް އައިޝްގެ ހަޔާތަށް ގެނުވަދެނީވެސް އާއިލާގެ އެކުވެރި މާހައުލުންނެވެ. އައިޝްގެ ހަޔާތުގެ ބަނަ ދުވަސްތަކުގެ ކުޑަ މިންވަރެއްވެސް އާއިލާގެ އެކަކަށްވެސް ނާންގައެވެ. އައިޝްގެ ހިތުގައި ޖެހިފައިވާ މިންވަރާ، އުފުލި ވޭން ދެނެވޮޑިގެންވާނީ ހަމައެކަނި ހެއްދެވި ފަރާތާއި އައިޝްއެވެ. އާއިލާއާ އެކު ހިނިތުންވެ މަޖާކޮށް އުޅުން ކަމުގައި ވިޔަސް އައިޝްގެ ސިކުނޑީގެ ކޮންމެ ވެސް ހިސާބެއްގައި އެލިބުނު ވޭނުގެ ހިތިރަހަ ހަރުލާފާ ހުއްޓެވެ. އެ ރިހުމާ ވޭނުގެ އަސަރުތައް މުޅިން ފިލައި ނުދެއެވެ.

އާތިފް އާއެކު ހޭދަކުރާ ވަގުތުތަކުގައި ވެސް ކުރީ މާޒީވީ  ކަންކަމުގެ އަސަރު ނުދައްކުވަން އައިޝް ވަރަށް މަސައްކަތްކުރެއެވެ. ކިތަންމެ އުނދަގޫ ކަމުގައި ވިޔަސް އެކަން ފޮރުވަން އައިޝް ބޭނުންވެއެވެ. ނުވާކަމަކަށް ނުހެދޭނެކަން ވެސް އެނގިހުރެ މެއެވެ. އެކަމާ ނުވިސްނުމަށް ގަދައަޅާ މަސައްކަތްކުރެއެވެ. ހަނދާންތައް ފުހެލުމަށް ކުރާމަސައްކަތައް ހުރަސްއަޅާ އެތަކެއް ކަންކަން އައިޝްއަށް އާތިފްގެ ކިބައިން ފެންނަމުންދެއެވެ. އެހެނަސް އައިޝްގެ ގަސްތަކަށް ބަދަލެއްނާދެއެވެ. އައިޝް ބޭނުންވަނީ  ލިބިފައިވާ ދަރިފުޅަށްޓަކައި އެކަންކަމާވެދު ފިކުރުނުކުރާށެވެ.

އައިޝް ވެފާހުރި ވަރުބަލިކަމުން ޔޫސުފަށް ކާންދިނުމަށްފަހު އެސޮރާ އެކު އޮށޯތެވެ. ނުނިދަން ހިތުލައިގެންކަމުގައި ވިޔަސް އިސާހިތަކު އައިޝްއަށް ނިދިޖެހިއްޖެއެވެ. ހޭލެވުނީ އާތިފް އައިސް ގޮވާއަޑަށެވެ. ވަރަށް ލަސްވެއްޖެތަ،؟ ކުދިން ގޮވައިގެން ހިނގަން ގޮއްސަ އައީމަ ވަރުބަލިވެފަ ހުރިވަރުން ނިދުނީ، އައިޝްމެންނަށް އާދެވުނީވެސް އެހެން ދުވަސް ދުވަހަށްވުރެ ތަންކޮޅެއްލަހުން. އާތިފް މެން ގޭގަ ނެތީމަ ކާންހަދާފަ ޔޫސުފް ނިންދަވަން އޮށޯތީ." އައިޝް ވަރަށް ކަންބޮޑުވެހުރެ ބުނެލިއެވެ.

އާތިފް ކައިފިންތޯ އެހުމުން " މިރެއަކުނެތް ކާހިތެއް މިއައީ ދެންމެ ބޭރުން ރައްޓެއްސަކާއެކު ކައިގެން. މާދަމާ ފުރަންޖެހޭތީ ވަރަށް ހެނދުނާ ހޭލަންޖެހޭނެ. އަދި އެބަހުރި ބައެއް ރީތިވާ ސާމާނު ގަންނަން. އާތިފް ބުންޏެވެ. "އާތިފް ކޮބާ އަޝްރަފް އޭނަ މިއަދި މެންދުރުފަސް ވީން ސުރެ ނުފެނޭ" އައިޝް ސުވާލު ކޮށްލިއެވެ. "އަޝްރަފް މިރޭ ވީ އޭނަގެ ރައްޓެއްސަކާއެކު އެގެއަށް ގޮސް. ބުނި މިރޭ ނިދާނީ އެގޭގަޔޯ" މަށަށް ކޮފީއެއް ގެނެސްދީ. މިރޭ ކޮފީ ބޮއިގެން އަވަހަށް ނިދަން ހިނގާ، މަވެސް އަވަހަށް ހޭލަންޖެހޭނެ. އައިޝް ވެސް އޮފީހަށް ދާން ޖެހޭނު"

   އޮފީހަށް ދާން ޖެހޭ ދުވަހެއްކަމުން ތަންކޮޅެއް އަވަހަށްތެދުވެ  ޔޫސުފަށް ކާންދީ ހެދުމަށްފަހު މަންމަ އަތައް ޔޫސުފް ގެންގޮސްދިނެވެ. އައިޝް ފެންވަރަން ވަނީ އާތިފް އަށް ގޮވާ ސައި ހެދުމަށްފަހުއެވެ. އޮފީހަށް ދާން ނިކުންނަ ވަގުތަކީ އައިޝް ވަރަށް ދެރަވާ ވަގުތެކެވެ. ސަބަބަކީ ޔޫސުފް ދޫކޮށްލާފައި ގިނަވަގުތު ބޭރުގައި އުޅެންޖެހޭތީއެވެ. އޮފީހުގައި އުޅެފައި ލިބޭ ހުސްވަގުތުގައި ގެއަށް އާދެވޭތޯ ވަރަށް މަސައްކަތްކުރެއެވެ. އޮފީސް މަސައްކަތުގެ މާހައުލުގެ ހަލަބޮލިކަމާހެދި ލިބޭ ބްރޭކްވެސް ގިނަފަހަރު ނުނެގެއެވެ.

އާތިފް ފުރަން ހަމަޖެހިފައި އޮތުމާއެކު އަވަހަށް ގެއަށް އާދެވޭތޯ ކުރަންހުރި މަސައްކަތްތައް ހަލުއިކޮށްލިއެވެ. އަދި އެކުގައި މަސައްކަތްކުރާ އައިސްތުއާ ނުނިމިހުރި ބައެއް މަސައްކަތް ހަވާލުކުރުމަށްފަހު ގެއަށް އައެވެ. ގެއަށް ވަނުމާއެކު އައިޝް އަވަސްވެގަތީ ޔޫސުފް ކޮބާތޯ ބެލުމަށެވެ. " މަންމާ ކޮބަ ޔޫސުފް ؟ އައިޝް ސުވާލުކުރުމުން މަންމަ ޖަވާބުގައި ބުންޏެވެ. ނިދާފަ އެބައޮތް މަރީ ކޮޓަރީ، މި ކޮޓަރިއަށް ހޫނުވާތީ އެސޮރު ނުނިދަން އުޅޭތީ އެކޮޓަރިއަށް ގެންދިއައީ އިރުކޮޅެއްވެއްޖެ މިހާރު."

"މަވެސް އަންނާނަން ފެންވަރާލައިގެން މިއަދު ވަރަށް ހޫނުގަދަ." އައިޝް މިހެން ބުނުމަށްފަހު ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އާތިފްވެސް އުޅޭ ވަގުތެއްކަމުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގައި ވެސްމެއެވެ. "އައިޝް އެއޮށް 3ޖަހަނީ އަދިވެސް އެ އަޝްރަފް ނާދޭ. 3:30އަށް ފުރަންދާންޖެހޭނެ" އާތިފް އެހެން ބުނި ތަނާހެން ދޮރުގައި ޓަކިޖެހިއެވެ. އަޝްރަފްދޯ ހާދަ ލަސްކޮށްފަ ތިއައީ، ހިނގާ އަވަހަށް ދާން ދޯނި ކަޓައިފިއްޔާ އަނެއްހަފްތާއަށް މަޑުކުރަންޖެހޭނެ" އާތިފް ދޮރު ހުޅުވާލުމަށްފަހު ބުންޏެވެ. އަދި ގޭމީހުންނާ ސަލާންކުރުމަށްފަހު ދެމީހުން އެކުގައި ފުރަން ދިއުމަށް ގެއިންނިކުތެވެ.

އާތިފް ފުރައިގެން ދިޔަތާ މާގިނަ ދުވަސްތަކެއް ނުވަނީސް، އަނެއްކާވެސް ފާޑުފާޑުގެ އަޑުތައް އައިޝްއަށް އިވެން ފަށައިފިއެވެ. އޮފީހަށް އައި ފޯނުކޯލަކުން އައިޝްއަށް ހައިރާންކަމެއް ގެނުވިއެވެ. "ހަލޯ އައިޝްތަ؟ ފޯނުކުރި މީހާ ސުވާލުކުރިއެވެ. " އައިޝް އާނއެކޭ ބުނުމުން އޭނާ އިތުރަށް ވާހަކަ ދައްކަން ފެށިއެވެ. " މަށައްކިޔަނީ އާދަން، މިވަރުންފުދޭނެ،އާތިފް އުޅެނީ ގެސްޓަކާ ރައްޓެހިވެގެން، އާތިފް މިހާރުވެސް ވެއްޖެ ތިކޮޅުގަ އެގްރޫޕާއެކު އައިލަންޑް ހޮޕިންގއަށް ގޮސް" އައިޝް އޭނާ ދެއްކި ވާހަކަ އަޑުއަހަން ހުރެފައި އެއްވެސް އެއްޗެއް ނުބުނެ ފޯނު ބޭއްވިއެވެ. ލިބިފައި ވާ ހައިރާންކަމަށްވުރެ ހިތުގައި އުފެދެމުންދިޔަ ސުވާލުތައްގިނައެވެ. އަނެއްކާ މިވަނީ ކިހިނެއްބާ؟ އައިޝް ހިތާ ހިތާ ސުވާލުކޮށްލިއެވެ.

ތެދެކެވެ. އޮފީސް ނިންމާލުމަށްފަހު ގެއަށް އައިއިރު އާތިފް ގޭގައި ޔޫސުފް އުރާލައިގެން ހުއްޓެވެ. ކީއްކުރަންތޯ އައީ ސުވާލުކުރުމުން ބަޔަކާއެކު އައިލަންޑް ހޮޕިންގއަށް ކަމަށް ބުންޏެވެ. އައިޝް އެކަމާ އިތުރު އެއްވެސް ސުވާލެއް ނުކުރެއެވެ. އާތިފް ރިސޯޓަށް ދިޔަފަހުން ގެއަށް އައި ފުރަތަމަ ދުވަސް ކަމުން އައިޝް ހުރީ އާތިފްގެ ގަޔާ ކާރިކޮށްލާތޯ އެދިއެދިއެވެ. ކަންވީ އެހެނެއް ނޫނެވެ. އާތިފް ވަރަށް ތަފާތެވެ. ވަރަށް ދުރެވެ. އައިޝް އަތަށް ޔޫސުފް ދިއްކޮށްލުމަށްފަހު ފުރަންދަނީ އޭބުނު ނިކުތީ ބޭރަށެވެ. އައިޝް އަށް އިތުރު އެއްޗެކޭ ބުނެވޭވަރެއް ނުވިއެވެ. އާތިފް ގުޅާފަހަރަކުން އެވާހަކަތައް އާތިފްގާތު ދެއްކުމަށް އައިޝް ނިންމިއެވެ. 

Friday, June 22, 2012

މިތުރާ ވިސްނާށޭ


ދުނިޔެވީ ހުރިހާ އަރާމަށް ހެއްލި ބިމުގައި ވަގުތު ނާޅާށޭ.
           ދުނިޔެމީ ވަގުތީ ތަނެއްކަން ބަލަ މަގޭ މިތުރާ ވިސްނާށޭ.
ނިކަން މަދު ވަގުތެކޭ ލިބެނީ މިތާ ތިބެ އަޅުކަމެއް ކޮއްލަން.
           ނިދިން ތެދުވާށެ ޔާރުންނޭ ނިކަން ބަލަ ހެޔޮ ކަމެއް ކޮއްލަން.
ވަމާހޭ ނުތިބެ ފަސްކޮށްގެން ކުރާބަޔަކަށް ނަމާދު އަދާ.
            ވަމާ އަބަދުމެ އެދޭ ބަޔަކަށް ލިބުން ހެޔޮ ދަރުމައާއި ޖަޒާ.
އިލާހީ ނިޢުމަތަށް އެދިގެން ކުރާ ހަމަ އެންމެ އަމަލެއްވެސް.
            އިރާދަފުޅުން ނުދާނޭ ގެއްލި މިތުރުންނޭ ދުވަހަކުވެސް .

Wednesday, June 20, 2012

ސައިބޯނި ބޮކި





ކުލަތަކުން ނަލަވެ ޖަރީ ވިޔަސް، ކުލަކުލައިން ދަޅަތައް ދެއްކިޔަސް.
               ކުރިއަރާ ދާން ވާދަކުރިއަސް، ކުރި މަރަށް ދެން ގަސްދު ކުރިއަސް.
ހިނދުކޮޅަކު ދައްކާ އެ ވިދުވަރު، ހިތިވި ރަހަ ގެނުވާ އެތެރެ ކަރު.
                ހިތް ނުތަނަވަސް ކޮށް އިސާހިތު، މަގު އެ އޮޅިގޮސް ހުރެ އަރާ ފަރު.
ނެގި އެ ފިޔަވަޅު މަތީ ހުރެ، ނެތި ހިނގައި ގޮސްދާނެއޭ.
             ނެތި ފިލައި ހުރިހާ އެ ކުލަވަރު، ފަނޑުވެ ގޮސް އޮއްސޭނެއޭ.

                                            ލިޔުނީ: އުފާ

Monday, June 18, 2012

ބިންވަޅު ނެގުނު ފިޔަވަޅު7






ސިޓީ ކިއުމަށްފަހު އެ އޮތް ތާނގާ ނޭނގޭގޮތަށް ބޭއްވިއެވެ. އިރުގަނޑަކު ކޮޓަރީގައި އެކަމާ ވިސްނަން އިނުމަށްފަހު ތެދުވެ ވިސްނުން އެހެން ދިމާލަކަށް ބަދަލުކުރެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އައިޝްއަކަށް އެކަން ވާގޮތެއް ނުވިއެވެ. ދެން ހަދަންވީ ކިހިނެތްކަން އައިޝްއަކަށް ނުވިސްނުނެވެ. އައިޝް ގަސްދުކުރީ އަދިވެސް އެ ވާހަކަތައް އަމިއްލައަށް އޮއްބާލަންށެވެ. އެކަމާ ސުވާލުނުކުރުމަށް ވެސްމެއެވެ. އެދުވަހު ހަތަރުދަމުހެން އައިޝްއަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. ދަރިފުޅުގެ މަސައްކަތުގައި އަވަދެނެތި އުޅުމުން އެކަން ފިލާދާނެއޭ ހިތައް އަރާ ޔޫސުފް ބަލައި މަންމަ ކޮޓަރިއަށް ދިއައެވެ. "އަސްތާ މަންމަ ދަރިފުޅު ހާދަ ދޮންކޮއްލާފަ" އައިޝް މިހެން ބުނެ ޔޫސުފް އުރާލިއެއްވެ. "މަންމަ އަތައް ޔޫސުފް ދީފިއްޔާ ވަރަން ނަލަކޮއްލާނެ" ދޮންވަސް ދުވާވަރު" އެހެން ބުނުމުން މަންމަ ބުންޏެވެ. "އައިޝް އަކަށް ނޭނގޭނެ ހާދަ ދުވަހެއް ފަހުންނޭ މާމާގެ ލޯބި ޔޫތު އުރާލާ ފެންވަރުވާލަން މި ލިބުނީ" 

އިރުކޮޅަކުން މަންމައާ ވާހަކަ ދައްކަން އިނުމަށްފަހު ޔޫސުފު ގޮވައިގެން ކޮޓަރިއަށްވަދެ އޭނާ ނިދާތޯ އެކުގައި އޮށޯތެވެ. ކުޑަކުޑަ ޔޫސުފް އައިޝް އަތުގައި ކޮއްޓަކޮއްޓާ އޮއްވާ ނިދިއްޖެއެވެ. ޔޫސުފް އައިޝް ކާރީ ބާއްވާއިރަށް އަތުގައި ކޮއްޓަންފަށާނެއެވެ. ގިނަފަހަރަށް ނިދޭއިރުވެސް އޮންނާނީ އައިޝް ހިނގައިދާނެތީ އަތުން ބާރަށް ހިފަހައްޓައިގެންނެވެ. 

މެންދުރުފަސްވެފައި ހުރުމުން ޔޫސުފް ނިދާފައި އޮތްވަގުތު އަވަސް އަވަހަށް އައިޝް ފެންވަރާ ރީތިވެލިއެވެ. ރޭގަނޑުގެ ކެއުމަށް ތައްޔާރުކުރުމަށް މަންމަމެން ބަދީގޭގައި އުޅޭނެތީ އެކަމުގައި ބައިވެރިވުމަޓަކައި އަވަސް ކޮށްގެން އައިޝް ވެސް ވަނީ ބަދިގެއަށެވެ. މަންމާ މިއަދު ތިހަދަނީ ކޯޗެއް، ހިނގާ އިތުރު އައިޓަމެއް ހަދަން. ގޭގައި އިތުރު މެހެމާނަކުވެސް މިއަދު އެބައުޅޭނު" އައިޝް މިހެން ބުނުމުން. ދަރިފުޅު ބޭނުން އެހެން އެއްޗެއްވެސް ހަދާލާ މަންމަ މިހިރީ މަސް ރިހަޔާ ބަތް އަދި ސަޓަންޏެއް ވެސް ހަދާފަ". މަންމަ ބުންޏެވެ. އެހެންވިއްޔާ އަހަރެން މުގުރިހަ ކައްކާނަން އަދި ބައްޕަ އިއްޔެ ގެނައި މުށިމަސްކޮޅު ތެއްލާނަން. ވަރަށް ކަމުދާނެ އާތިފްއަށް މަސްތެއްލީމަ" އައިޝް މަންމަ ގާތު މިހެން ބުނެ ފްރިޖްގައި ހުރި މަސްކޮޅުނެގިއެވެ. އެ އައިސް ކެނޑެންދެން ބެހެއްޓުމަށްފަހު މުގުރިހަ ކެއްކުމައްޓަކައި ތަކެއްތި ތައްޔާރުކުރިއެވެ. 

ބަދިގޭގެ މަސައްކަތްތަކުގައި މަންމަޔާ އައިޝް އަދި އައިޝްގެ ދޮންތި އަވަދި ނެތި އުޅެނިކޮށް އާތިފް އޭނާގެ އެކުވެރި އަޝްރަފް ގޮވައިގެން ގެއަށް ވަދެގެން އަންނަތަން ފެނުނެވެ. މަންމާ އެތިބަ އަންނަނީ އާތިފްމެން. މި ރިހަކޮޅު ބަލާލައްޗޭ އަހަރެން އެ ދެމީހުނަށް ސައިހަދާނަން. އެހެންބުނެ އައިޝް އަވަސް އަވަހަށް ބިސްކޯދާއި ގެއަށް ލިބިފައިހުރި ކާޖާ ޑަބިޔަލުން ކާޖާ ތައްޓަކަށް އަޅައި ސައިތައްޔާރުކުރިއެވެ. އާތިވެސް ވަދެގެން އައިގޮތަށް އައީ ބަދިގެއާ ދިމާލަށެވެ. ބަދިގެ ދޮރު މައްޗަށް އެރުމާއެކު ހިނިތުންވެލާފައި މަންމަ ބުނެލިއެވެ. އާތިފް ހާދަ ނަސީބުރަނގަޅެވެ. ތިއައިސް ވަދެވުނީ އުރައިން ދަމާލި ކަނޑީގެ މިޔަމައްޗަށް." އަވަހަށް ވަދޭ ސައިބޯން. އައިޝް އޭނާގެ ހިތްހަމަނުޖެހުމާ ވެފައި ހުރި މާޔޫސް އެކަކަށްވެސް ނުދައްކައެވެ. އެކަން އެކަކާވެސް ހިއްސާކުރަން އައިޝް ބޭނުމެއްނުވެއެވެ. އަޝްރަފް ގޮވައިގެން އާތިފް ވަދެ ސައިބޮއިގެން ދެމީހުން އެކީގައި ކޮޓަރިއާދިމަލަށް ހިނގައިގަތެވެ.  

ބަދީގޭގައި ކުރަންހުރި މަސައްކަތްތައް ނިންމާލުމަށްފަހު ތިންމައިން ވެސް ނިންމީ އެކުގައި ސައިތައްޓެއް ބޯލުމަށެވެ. " ދޮންތީ އަހަރެން ވަރަށް ފޫހިވޭ ބިސްކޯދާ ސައިބޯން، ހިނގާބަލަ ކޮންމެވެސް ކުޅިއެއްޗެއް ލިބޭތޯ ބަލަން" އެހެންބުނުމުން ދޮންތި ތެދުވެގެންގޮސް ކަބަޑު ހާވާލާފައި ޑަބިއަލެއް ނެގިއެވެ. " މިހިރީ ރަސްމާދުއިން ލިބިފައި ހުރި ކުދިގުޅަ ޑަބިއަލެއް މި ވަރަށް މީރުވާނެ" ތިވީ މާރަނގަޅަކަށްނު އައިޝް ކޮންމެ ދުވަހަކު ދެން ސައިބޯނީ ތިޔާ" މިހެންބުނެ ތިންމައިން އެކުގައި ސައިބޯން އިށީނެވެ.

 އަދި ދޮންތި ކައިރީ ބުނެލިއެވެ. "ދޮންތީ ހިނގާބަލަ ރަށަކަށް ދާން މި ލިބޭ އީދު ޗުއްޓީގަ" ހާދަ ދުވަހެއްވެއްޖެޔޭ ފެމެލީ ޓްރިޕެއް ނުދާތާ" އައިޝް ހުށަހެޅި ކަންތަކަށް ޖަވާބުދެމުން ބުންޏެވެ. "ކިހިނެއް ދަތުރެއް ދެވޭނީ ގިނަފަހަރު އޮންނަނީ އަނގަޔާ އަތާ ދިމާނުވެފަ" އެކަކު އަތުގަވެސް ފައިސާއެއް ނުހުރޭ، ގޭގެ ޚަރަދުތައް ބަލަހައްޓާފައި އިތުރަށް ނޯވޭ އެއްވެސް އެއްޗެއް ދޯ މަންމާ" " ތެދެއް ދަރިފުޅާ ހަމަ ކިރިޔާ ފުދެނީ، ބައްޕައަށް ވެސް އެކި މަހު ލިބެނީ އެކިވަރަށް ބައެއްފަހަރު ކިރިޔާ ހަމަޖައްސާލެވެނީ" ތިންމައިގެ ވާހަކަ މިހާ ހިސާބައްދިޔަތަނާ އައިޝްގެ ދައްތަ މަރީ ބަދިގެއަށް ވަދެ ބުންޏެވެ." ކޮން ސައްލާއެއް ތިކުރަނީ، މަވެސް ބައިވެރިކުރޭ. ޖަޒޫ ނުނިދައިގެން ނާދެވިފަ މިހުރީ" "ދަރިފުޅު ވެސް އާދޭ ސައިތައްޓެއް ގިރާދޭނަން މަންމަ" މަރީވަދެ އިށީނުމުން ވާހަކަގެ ފޯރި ހިފިއެވެ. 

ދަތުރު ދާނެ ގޮތަކާ ބެހޭ ސައްލާ މިކުރަނީ " ތިކަމުގައި މަވެސް ކޮންމެވެސް އެހީއެއްވެދީފާނަން. ސާލިޙް ދޯނި ހޯދަދީފާނެ އޭރުން ހަމައެކަނި ދާނީ ކެއުމަށް ދާ ޚަރަދު އެކަނިދޯ" އައިޝްގެ ދައްތަ މަރީ ބުނެލިއެވެ. އެހެންވީރު ތިކަން ހިނގާ ޕްލޭންކުރަން ދެންއަންނަ ހަފްތާބަންދުގައި ދާނީ، އެހެންނޫނީ މަށަކަށް ނުދެވޭނެ" އައިޝް ވަރަށް ގަޔާވެލާފާ ބުންޏެވެ. އަދި ސައިގެކަންތައް ނިމިގެން ދަތުރުގެ ވާހަކަ ދައްކަން ދޮންތި ކޮޓަރިއަށް ހުރިހާ އެންމެ ދާގޮތަށް ނިންމިއެވެ.

އިރު އޮއްސުމާ ގާތްވެފައިވާތީ، ބޭރުގައި ހިއްކަން އަޅާފައި ހުރި ޔޫސުފްގެ ހެދުންކޮޅު ނަގައިގެން އައިޝް ވަނީ ކޮޓަރިއަށެވެ. އާތިފް އާ އަޝްރަފް ކޮޓަރީގައި ހުރި ސަރަންފީގައި އޮށޯވެލައިގެން ޓީވީ ބަލަންތިއްބެވެ. ޔޫސުފް ކުޑަކޮން ފުރޮޅިލާފައި ލޯ ހުޅުވާލިއެވެ. "އަހަނ މަންމަ ދަރިފުޅު ތެދުވީތަ، ހިނގާދޯ ނެޕީބަދަލުކޮށްލާ ތިއްތި ވެލަން" އައިޝް މިހެންބުނެ ޔޫސުފް އުރާލާގެން ދިޔައީ ފާހާނައަށެވެ. ޔޫސުފް ރީތި ކުރުމަށްފަހު، "އަންނާނަން އެސޮރަށް ބަކުން ހަދައިގެން" މިހެން ބުނެ އާތިފް އަތަށް ޔޫސުފް ދިއްކޮށްލިއެވެ. އައިޝް ބަކުން ތަށި ހިފައިގެން އައިސް ޔޫސުފަށް ކާންދިނުމަށްފަހު އަނެއްކާވެސް އާތިފް އާޙަވާލުކުރިއެވެ. "އިރުކޮޅަކުން ގައިދޮއްވާލާނީ. ކާންދީފަ ވަގުތުން ފެންވަރުވަން އެހާ ރަނގަޅެއްނުވާނެޔޭ މަންމަ ބުނި" މިހެން ބުނެ އައިޝް ޔޫސުފަށް ކާންހެދި ތަށި ދޮވެލުމަށްޓަކައި ބަދިގެއާ ދިމާލަށް ހިނގައިގަތެވެ. 

ގޭތެރޭގައި މުޅިދުވަހު އަވަދިނެތި އުޅުމަށްފަހު އައިޝް ގަސްތުކުރީ ރޭގަނޑުގެ ކެއުމުގެ ކަންތައްތައް ނިންމާލުމަށްފަހު ތަންކޮޅެއް އަވަހަށް ނިދުމަށެވެ. އައިޝް ކިތަންމެ ނޫންކަމަށް ހަދައިގެން ހުރި ނަމަވެސް އަޝްރަފް އަތަށް ދީ ލަތީފާ ފޮނުވި ސިޓީގެ ކަންތައް އައިޝްގެ ސިކުނޑީގަ ހުރީ ހަރުލާފައެވެ. 

ވެފައި ހުރި ވަރުބަލިކަމުން އައިޝް އަވަހަށް ނިދަން އޮށޯތެވެ.  އޮށޯތް ކަމުގައި ވިޔަސް އައިޝްއަކަށް ނިދޭގޮތެއް ނުވިއެވެ. އެއްފުށުން އަނެއް ފުށަށް ޖެހިޖެހި މެންދަން ވީއިރުވެސް އޮވެވުނީ، ހަދަންވީގޮތަކާ މެދު ފިކުރުކުރާށެވެ. އާތިފް އޭނާގެ އެކުވެރިޔާ އާއެކު ބޭރަށް ދިޔަގޮތަށް ގެއަކަށް ނާދެއެވެ. ޓީވީ ދޮށުގައި ތިބުމަށްފަހު ކައި ހަދައިގެން ބޭރަށް ޖެހިލާފާ އެބައަންނަމޭ ބުނެފަ ދިޔަގޮތަށް ޚަބަރެއްނުވެއެވެ. އައިޝްއަށް ނިދި ޖެހުނުތަނާހެން އާތިފް އާއި އަޝްރަފް އައިސް ކޮޓަރިއަށް ވަނެވެ. އެ ދެމީހުން ވަނުމުން އައިޝް އެނދުންތެދުވެ ކޮފީއެއް ގިރަންވީތޯ ސުވާލުކުރިއެވެ. 

”ނޫން މިރޭ ދެން ކޮފީއެއް ބޭނުމެއްނޫން، ދެންމެ މިއައީ ގްރެފިކްސް ކެފޭއަށް ވަދެ ކޮފީއެއް ބޮއިގެން" އާތިފް މިހެންބުނެ ނިދަން ތައްޔާރުވުމަށްޓަކައި ފާހާނާއަށްވަނެވެ. އަޝްރަފް ތިއިނީ ނިދި އައިސްފަދޯ " މަޑުކުރޭ އާތިފް ނިކުތީމަ އަލަމާރިމަތީ އެއޮތް ގޮދަޑިނަގާދޭނަން" ތަންކޮޅު ކުޑަވީމަ ގޮދަޑިވެސް ބާއްވަން މި ޖެހެނީ އަލަމާރިމަތީ" އައިޝް އަޝްރަފް އާ ވާހަކަ ދައްކަމުން ދިއައެވެ. އެހިނދު އާތިފް ކޮޓައިއަށް ވަދެ " އަޝްރަފް ދޭ ކުޑަކޮން ސާފުވެލައިގެން ނިދަން އަންނަން" އަހަރެން ތަންމަތި ރެޑީކޮށްދޭނަން" މިހެން ބުނުމުން އަޝްރަފް ވެސް ދެތުވެގެން ހިނގައްޖެއެވެ.

އައިޝް އެކަނި ލިބުނު ވަގުތު ބަލާ އާތިފް އާ ސުވާލުކުރިއެވެ. " އާތިފް މިހާރު ވަޒީފާއެއް ލިބޭ ގޮތް ވެއްޖެތަ؟ އައިޝް ނޫންގޮތަކަށް އަހާލިއެވެ. " އާނ އަންގާގާ އައިލެންޑް ރިސޯޓުން ވަޒީފާ ހަމަޖެހިފައިވާ ކަމަށް ބުނި. އަހަރެން އެޕްލައި ކުރި ރޫމްބޯއީގެ ވަޒީފާއާއި އަޝްރަފް އެޕްލައިކުރި ވޭޓަރުކަމުގެ ވަޒީފާ ހަމަޖެހިފައިވާ ކަމަށްބުނީ. އަދި ދެތިން ދުވަހުގެ ތެރޭ ފުރަންވީ ދުވަހެއް އަންގާނެ ވާހަކަވެސް ބުނި" އިރާދަކުރެއްވިއްޔާ ދެން ނުވާނެ މިވީހާ ދުވަހެއް . "

”އައިޝް މިއަދު މަންމަ ބުނި ދަތުރެއްދާވާހަކަ. އަނެއްކާ ކޮންކަހަލަ މަޖާގަނޑެއް ތިރާވަނީ. އަހަރެން ފުރުމުގެ ކުރިން ދެވޭގޮތެއް ނުވާނެ ދޯ." އާތިފް ކުރި ސުވާލަށް ޖަވާބުދެމުން އައިޝްބުންޏެވެ. "އާނ ހަފްތާ ބަންދަކު ނޫނީ އަހަރެންނަކަށް ނުދެވޭނެ. ވަރަށް މަސައްކަތުން މިފަހަރު ވަޒީފާ ލިބިފައި މިއޮތީ. އެހެން ނޫނަސް އެއްގޮތަކަށްވެސް ވަޒީފާއަށް ބުރޫއަރާގޮތަކަށް މަށެއް ތަނަކަށް ނުދާނަން. އެވަގުތު އަޝްރަފް އައިސް ކޮޓަރިއަށްވަދެ ވަރަށް ލަސްވެއްޖެދޯ އޭ ބުނުމުން އާތިފްވެސް އާއެކޭ ބުނެ ނިދަން އޮށޯތެވެ.

ކޮންމެ ހަފްތާ ބަންދަކީ ގޭ އެންމެން އެކުގައި ލިބޭ ދުވަސްތައް ކަމަށްވާތީ، އެކުގައި ސައިބޮއި، ކައި ހެދުމަކީ އައިޝްމެން ގޭގެ އާދައެވެ. އައިޝްގެ ބައްޕަ އެއަށްވުރެ އުފާ ވާ ކަމެއް ނޯންނާނެއެވެ. ފަތިސް ނަމާދުން ފައިބައިގެން ފަހަރަކު ކުއްޖެއްގެ ކޮޓަރީގައި ޓަކިޖަހާ ހުރިހާ ކުދިންނަށް ގޮވާނެއެވެ. އައިޝްމެން ނިދާ ކޮޓަރީގައި ޓަކިޖެހުމުން އައިޝް ދޮރުހުޅުވާލިއެވެ. ބައްޕަ ފެނުމުން އައިޝް އުފަލާއެކު ސުވާލުކޮށްލިއެވެ. ބައްޕާ މިއަދު ސަޔަށް ހަދަންވީ ކޯންޗެއް. ފަތުމަސްހުންޏާ ހުނިރޮށިދޯ. އައިޝްއަށް ބައްޕައަށް އެންމެ މީރީ މަސްހުންޏާ ރޮށިކަން އިނގޭތީ އަހާލިއެވެ. 

ބައްޕަ ހުންނާނެ އިއްޔެ ބާޒާރުން ކުއްޅަ ފިލާފަތް ގެނެސްފަ. ބައްޕައަށް ވަރަށް މީރު ދަރިފުޅު ހިކިމަސް އަޅާއިގެން އެ މޮޑޭ މަސްހުނި. "މަންމަ ތެދުވެއްޖެތަ." އައިޝް ސުވާލުކޮށްލިއެވެ. އިރުއަރާއިރު ހުންނާނީ ބަދިގޭގަ އަބަދުވެސް. މިއަދުވެސް އެހެންދޯ. ބައްޕާ މިދަނީ ވަރަށް އަވަސް ކޮށްލައިގެން މަވެސް ބަދިގެއަށް. ރީތި ވެލުމަށްފަހު އައިޝް ބަދިގެއަށް ދިއައެވެ. އޭރު ބަދިގޭގައި މަންމަ އާއި، ދޮންތި އަދި ކުޑަބެ އަންހެނުން ފަރޫ އުޅެއެވެ. ނިކަން އަވަދި ނެތިއެވެ. މަންމަ ހުރީ ހުނިގާނާށެވެ. ދޮންތި ރޮށިފިހުމަށްޓަކައި ފުއްގަނޑު މޮޑެން ހުއްޓެވެ. ފަރޫއަށް އައިޝް ފެނުމާއެކު ލިޔެލިޔެހުރި މަސްގަނޑު ތަށީގައި ބޭއްވުމަށްފަހު އައިޝްއަށް ކޮފީއެއް ގިރާދެއްތޯ ސުވާލުކުރިއެވެ. އެވަގު މަރީ ފަހަތުން ބަދިގެއަށް ވަންނަމުން ފަރޫ މަށަށްވެސް ކޮފީއެއް ބޭނުން." މިހެން ބުނެ ފަރޫ ގިރާ ކޮފީ ސުޕާރބް ވާނެ ކަމަށް ބުންޏެވެ. 

ހެނދުނު ނާސްތާއަށް ފަހު މެންދުރަށް ކާއްކާ ހެދުމަށްފަހު ބަދިގޭގެ މަސައްކަތް އެކީއެކައްޗަކަށް ނިންމާލިއެވެ. ޖެހިގެން އަންނަ ދުވަހަކީ އޮފީސް ހަފްތާ ފެށޭ ދުވަސްކަމަށްވާތީ، އައިޝް އަވަސް ވެގަތީ ދޮވެފައި ހުރި އެއްޗެތި އިސްތިރިކުރުމަށެވެ. ޔޫސުފްވެސް ނިދާފައި އޮތް ވަގުތަކަށްވާތީއެވެ. ދަރިފުޅު ހޭލާ ހުންނަ ގަޑިތަކުގައި އޭނާ ބަލަމުން ގޭގެ މަސައްކަތް ނުކުރެވޭތީ ބައެއް ފަހަރު މަންމަ އާ ޙަވާލުކުރަން ޖެހެއެވެ. އަނެއް ބައި ފަހަރު ކޮންމެވެސް އެއް ދައްތައެއްގެ ކޮޓަރިއަށް ގެންގޮސް އަވަސް އަވަހަށް މަސައްކަތް ނިންމާލަނީއެވެ. 

އެއްބަނޑުގައި ތިބި 10 ކުދިންގެ ތެރޭން ގޭގައި ދިރި އުޅެނީ 8 ކުދިންނެވެ. ފަރޫ، މަރީ އަދި ދޮންތި ވެސް އެމީހުންގެ ދަރިން ގޮވައިގެން އުޅެންޖެހޭތީ ޔޫސުފް ބަލާލަދޭނެ ވަގުތެއް ނުވެއެވެ. މަންމަ ބަލިކޮށް އުޅޭތީ ޔޫސުފް ބަލަން މަންމައާ ޙަވާލުކުރަން ކިތަންމެ އުނދަގޫވިޔަސް އައިޝް ވަޒީފާއަށް ދާންޖެހޭތީ ހަވާލުނުކޮށް ފަރުޖެހޭކަށް ނޯވެއެވެ.