Pages

Friday, June 29, 2012

ބިންވަޅު ނެގުނު ފިޔަވަޅު 9


އާތިފް އެގޮތަށް ކަންތައްއެކުރަނީ ކީއްވެހެއްޔެވެ. އަހަރެންގެ އޮތީ ކޮން ކުށެއްހެއްޔެވެ. އައިޝް ހިތާހިތާ ސުވާލުކޮށްލިއެވެ. އަހަންނަށް މިހެން މިހަދަނީ ކީއްވެބާއެވެ. އާތިފް އަދިވެސް އެ އުޅުން ދޫނުކުރަނީ ބާއެވެ. އައިޝްއާ ވާހަކަ ނުދައްކާ އެގޮތަށް އެ ދިޔައީ ކީއްވެބާއެވެ. އެކި ކަހަލަ ޝުޢޫރުތައް އައިޝްގެ ހިތަށް އަރަމުން ދިއައެވެ.  އައިޝް ވިސްނަން ބޭނުން ނުވިކަމުގައި ވިޔަސް އެކަމާ ފިކުރު ނުކޮށް ނުހުރެވުނެވެ.

އޮފީހުގައި މަސައްކަތް ބުރަވުމުން ލިބިފައިވާ ވަރުބަލިކަމަށްވުރެ މިހާރު އައިޝްގެ ހިތަށާއި ސިކުނޑިއަށް ލިބިފައިވާ ވަރުބަލިކަން ބޮޑެވެ. ޔޫސުފް ގޮވައިގެން އިރުކޮޅަކު އޮވެލާފަ ތެދުވީމަ ރަނގަޅުވާނެއޭ ހިތާ އެނދުގައި އޮށޯވެލިއެވެ. ޚިޔާލުތަކާ ދުރަން ދާން އުޅުނަސް އައިޝް އިތުރަށް ދިއައީ އެ ޚިޔާލުތަކުގެ ތެރެއަށް ގެނބެމުންނެވެ. އައިޝް ނިއްކުރިމަތީ އަތްބާއްވައިގެން ފުންޚިޔާލުގައި އޮއްވާ އައިޝްގެ މަންމަ ކޮޓަރިއަށް އައިސް ވަނެވެ. ދަރިފުޅު ހާދަ ބޮޑު ފިކުރެއްގަ. އަނެއްކާ ހުރިހާކަމެއް ރަނގަޅުތަ. ބަލީތަ؟ މަންމަގެ އެވާހަކަތައް ކުރިއަށް ގެންދިއަ ނުދިނުމަށްޓަކައި " މިއުޅެނީ ކުޑަކޮށް ބޮލުގަރިއްސާތީ ކަމަށް ބުނެ މަންމައަށް އައިޝް ހިތުގެ އުދާސްތައް ފޮރުވިއެވެ.

"މަންމަ އަތަށް އެސޮރުދީ، ކުޑަކޮން ނިދާލާފަ ތެދުވީމަ ތި ބޮލުގަރިހުން ރަނގަޅުވެދާނެ" މަންމަގެ އެ އޯގާތެރި ބަސްތަކުން އައިޝްގެ ލޯ ފެންކަޅިވިއެވެ. މަންމާ މަންމަ ހާދަރަނގަޅޭ. ޔޫސުފް ގޮވައިގެން ދޭ. އަހަރެން ކުޑަކޮށް ފެންވަރާ ރީތިވެލީމަ މިކަން ރަނގަޅުވެދާނެ" އެހެން ބުނެ އައިޝް މަންމަ އަތަށް ޔޫސުފް ދިއްކޮށްލިއެވެ. އައިޝްގެ ލޮލުގެ ތެރެއަށް ގިނަވަމުން ދިޔަ ކަރުނަ މަންމަ އަށް ދައްކާކަށް ބޭނުމެއްނުވިއެވެ. ލޯމަތީ އަތް އަޅާލުމަށްފަހު ކަރުނަތަށް ފޮހެލިއެވެ. ހިތުތެރޭގައި ހުރި ރިހުން މަންމަ އަށް ފޮރުވުމަށްޓަކައެވެ.

ޔޫސުފް ގޮވައިގެން މަންމަ ދިއުމުން އައިޝް އިރުކޮޅަކު އޮށޯވެލައިގެން އޮތުމަށްފަހު، ވަނީ ފެންވަރާށެވެ. އިރުއޮއްސެމުން ދިޔަ ވަގުތު ކަމަށްވާތީ ނިދުމަކީ އެހާ ރަނގަޅުކަމެއް ނޫންކަން ވަރަށް ކުޑައިރުއްސުރެ އައިޝްގެ މަންމަ ވަނީ ކިޔާދީފައެވެ. 12 ކުދިން ބަލާ ބޮޑުކުރީ މަންމަގެ ފުރިހަމަ އޯގާތެރިކަމާއި ލޯބި ދީގެންނެވެ. އެއްވެސް ކުއްޖަކަށް ތަފަތު ކުރުމެއް ނެތިއެވެ. އެކަމުގެ ނަތީޖާއަކީ އައިޝްގެ އާއިލާގެ އެކުވެރިކަމާއި ބަދަހި ގުޅުމެވެ.

މަންމަގެ އޯގާތެރިކަމާއި ލޯބި ނުލިބުނުނަމަ މިއަދު އައިޝް ކުރާނީކީއްހެވެ. މަންމަގެ ހިތުގަ ޖެހިދާނެތީ، އައިޝްގެ ހިތުގެ ހާލު މަންމައަށް ކިޔާދޭކަށް ނުކެރުނެވެ. ފިރިމީހާ ގެ މަޤާމާއި، އަންބެއްގެ ވާޖިބުތަކަކީ ކޮބައިކަން ވަރަށް ރަނގަޅަން ވަނީ އައިޝްމެނަށް މަންމަ ދަސްކޮށްދީފައެވެ. ކެތްތެރިވުމާއި ދަރިންގެ ހައްޤުގައި ވާންޖެހޭ ގުރުބާނީ ވަނީ މަންމަގެ ތަރުބިއްޔަތުން އައިޝްގެ ހިތުގައި ބިންވަޅުނެގިފައެވެ.

ހިތްވަރުކޮށްފައި ދިރިއުޅުމުގެ ހަނގުރާމައިގައި ކުރިޔަށްދާން އުޅުނަސް އައިޝްގެ މަގަށް ހުރަސްއަޅާ އެތަށްކަމެއް ދަނީ ދިމާވަމުންނެވެ. ނަމަވެސް އައިޝް ހިތްވަރެއް ނުއެލުވައެވެ. އަދި ވެސް މަސައްކަތްކުރަނީ ހިތާމަތައް ހިތުން ފޮހެލުމަށެވެ. އައިޝްގެ ހަޔާތަށް ބަނަ ވިލާގަނޑެއް އަރާފައިވާކަހަލައެވެ. އެއްވެސް ގޮތަކަށް އަލި ރާސްތާއަކަށް ދެވޭނެ ކަމުގެ އުންމީދެއްނެތެވެ.

އާތިފް ރިސޯޓަށް ދިޔަފަހުން ކޮންމެރެއަކު ގުޅަމުން އައި ގުޅުން ހަފްތާއަކު 2ރެއަށް ބަދަލުވިއެވެ. އައިޝް އާތިފްގެ ފޯނުކޯލަށް އިންތިޒާރުކުރަމުން ދިއައެވެ. ހިތުގައި ހިނގަމުންދިޔަ ސުވާލުތަކަށް އާތިފްގެ ކިބައިން ޖަވާބެއް ހޯދުމަށެވެ. ޔޫސުފް ގޮވައިގެން ނިދިފާ އޮއްވާ އައިޝްއަށް ހޭލެވުނީ ފޯނު ރިންގވާ އަޑަށެވެ. ފުންމައިގެން ތެދު ފޯނާ ދިމާލަށް އަވަސް އަވަހަށް ހިގައިގަތެވެ. އެ އަޑަށް ޔޫސުފް ހޭލަފާނެތީއެވެ.

"ހަލޯ  އައިޝް" އާތިފްގެ އަޑު ގައި އެއްވެސް އުފާވެރިކަމެއް ނެތް ގޮތަކަށް އައިޝްއާ ވާހަކަ ދައްކަންފެށިއެވެ. "އައިޝް ކިހިނެތްތަ؟ ހުރިހާކަމެއް ރަނގަޅުދޯ، " އާތިފް މިހެން ބުނުމާއެކު އައިޝް އަށް ނުހުރެވިގެން ބުނެވުނެވެ." އާތިފް ތި ރިސޯޓުން ކޮންމެވެސް އަންހެނެއްގެ ކަމެއް ކުރާ ވާހަކަ އަހަންނަށް އެބަ އިވޭ. މާލެ އައީވެސް އެބަޔަކާ އެކީކަމަށް ވަނީ" އައިޝްގެ ވާހަކަ މިހިސާބަށް ދިއުމާއެކު އާތިފް ވަރަށް ހިތްހަމަނުޖެހިފައި ބުންޏެވެ. "އައިޝް މީހުން ދައްކާވާހަކަ އަޑުއަހާކަށް ނުޖެހޭނެ." ކާކު އަނެއްކާ މޮޅު ވާހަކައެއް އެ ފަތުރަނީ؟ " އާތިފް ގެ އަޑުގައި ރުޅިވެރިކަމުގެ އަސަރު ހުރިލެއް ބޮޑުކަމުން އައިޝް އިތުރަށް އެކަމާ ސުވާލުނުކޮށް ހުއްޓާލިއެވެ. " އައިޝް މީގެ ފަހުން ތިކަހަލަ ބޭކާރު ސުވާލު ނުކުރާތި، އަހަރެން އެބަޖެހޭ ތަނަކަށް ދާން. ދެން ފޯނު ބާއްވާ، ވަގުތުވީމަ ގުޅާނަން" މިހެން ބުނެ އާތިފް ފޯނު ކަނޑާލިއެވެ.

އައިޝްގެ ސުވާލުތަކަށް އާތިފްގެ ފަރާތުން އެދެވޭ ޖަވާބެއްނުލިބުނެވެ. އައިޝް ގަސްތުކުރީ އިވުނު ވާހަކަތަކަށް ބީރު ކަންފަތެއްދީ އިތުރަށް ސުވާލުނުކުރުމަށެވެ. ހިތުގައި ހުރި ސުވާލުތަކަކީ ޖަވަބުލިބޭނެ ސުވާލުތަކެއް ނޫނެވެ. އާތިފް އެކަންކަން ދޮގުކުރާނަމަ އެކަމާ ސުވާލުކުރުމަކީ އައިޝް ދެކޭ ގޮތުގައި މޮޔަކަމެކެވެ.

އެއްދުވަހެއްގެ ހަވީރެވެ. އައިޝް އޮފީހުން ގެއަށް އައިސް ވަނުމާއެކު އައިޝްގެ ކޮއްކޮ ޖަމީ އައިޝްއަށް ގޮވާލާފައި ބުންޏެވެ. "އައްތޫ" އެބައޮތް އާތިފްބެގެ ނަމުގައި ލިބިފަ އޮތް ސިޓީއެއް. އަންނާނަން އެ ހިފައިގެން" މިހެންބުނެ ޖަމީ ގޭތެރެއަށް ހިނގައިގަތެވެ. ސިޓީ ހިފައިގެން އައުމުން އައިޝް ވެސް ވަނީ ކޮޓަރިއަށެވެ.

ސިޓީ އެޑްރެސްކޮށްފައި ވަނީ އާތިފްއަށެވެ. ފޮނުވީ ކޮންތާކުންތޯއާ ކާކުތޯ އައިޝް ބަލާލިއެވެ. ސިޓީ ލިބިފައިވަނީ ޖަޕާނުންނެވެ. ސިޓީއުރަ ކަނޑާލުމަށްފަހު ބެލިއިރު އޭގައި އޮތީ ފޯސްޓްކާޑެކެވެ.  އޭގެ ފުރަގަހުގައި އައި ލަވް ޔޫ މިހެން ލިޔެ،އެކިކުލަ ކުލައިން ހިތްތަކެއް ކުރަހާފާ ހުއްޓެވެ. މާގިނަ ވާހަކަ ތަކެއް ލިޔެފައި ނެތްކަމަކު، އޭގައިވާ ބަސްތައް ދިޔައީ އައިޝްގެ ހިތް ކުދިކުދި ކުރަމުންނެވެ. މީ ކިހިނެތް ހިނގާ ކަމެއްތޯ ބަލަން އައިޝް ގަސްދުކުރިއެވެ. އާތިފްއަށް ނާންގައެވެ. މިކަން ވަރަށް ރަނގަޅަން ބަލާފަ ނޫނީ އާތިފްއާ އިތުރަށް ސުވާލު ނުކުރަން ގަސްދުކޮށް ސިޓީގައި ވާ އެޑްރެހަށް އާތިފްގެ ނަމުގައި އައިޝް ސިޓީއެއް ފޮނުވިއެވެ.

އެންމެ ފަހުން އާތިފްއާ ފޯނުން ވާހަކަ ދެއްކިފަހުން އައިޝް އާތިފްއާ އެކަހަލައެއްވެސް ސުވާލެއްނުކުރެއެވެ. އަދި ލިބެމުން ދިޔަ ހިތްދަތިކަން އެކަކަށްވެސް އަންގަން ބޭނުމެއްވެސް ނުވިއެވެ. އައިޝް ވަޒީފާއަށް ވަންތާ ގާތްގަނޑަކަށް އަށެއްކަ މަސްވަނީއެވެ. އާތިފްގެ މިޒާޖު ހުރީ ހަމަ ކުރިއެކޭ އެއްބީދައިންނެވެ. ވަކި ބަދަލެއް ނާދެއެވެ. ގުޅާ ފަހަރަށްވުރެ ގިނަވާނީ ނުގުޅާ ފަހަރެވެ.

އައިޝްގެ ދިރިއުޅުން ބައްޓަން ކުރަން ޖެހިފައިވަނީ ވަޒީފާއަށް ދިއުމާއި ލިބިފައިވާ ދަރިފުޅު ބެލުމުގައެވެ. މިގޮތަށް ދުވަސްތައް ފާއިތުވަމުން ގޮސް ކުއްލި ގޮތަކަށް އައިޝްގެ މަންމަ ވަރަށް ބޮޑަށް ބަލިވިއެވެ. ޔޫސުފް ބަލަން ހަވާލުކުރާވަރަށް ވުރެ މަންމަގެ ހާލުބޮޑެވެ. ގޭގައި އުޅޭ ކޮންމެ މީހެއްގެ ކުޑަ ކުއްޖަކު އޮތުމުން ކޮންމެ ކޮންމެ ދުވަހަކު ޔޫސުފް ބަލަން ޙަވަލުކުރާކަށް އައިޝްއަށް ނުކެރުނެވެ. އެންމެ ފަހުން އައިޝްއަށް ޖެހުނީ ވަޒީފާއިން ވަކިވާށެވެ.  

 ވަޒީފާ ދޫކޮށްލި ނަމަވެސް އައިޝްގެ ނިޔަތަކަށް އުންމީދުތަކަކަށް ބަދަލެއްނާދެއެވެ. އައިޝް އަކީ ހިތްވަރުގަދަ ކެރޭ މީހެކެވެ. ދިރިއުޅުމަށްޓަކައި އާމްދަނީ ލިބޭނެގޮތަކާއި މެދު އަބަދުވެސް ވިސްނާ މީހެކެވެ. ބޭކާރު ގޮތުގައި ވަގުތު ހޭދަކުރުމަކީ އައިޝް އެއްއިރެއްގައި ވެސް ރުހޭކަމެއް ނޫނެވެ. ސްކޫލް ދަޢުރުގައި ވެސް އައިޝްއަކީ ހީވާގިކަމާއެކު ކިޔަވަމުން ފައިސާހޯދުމަށްޓަކައި ކުދިންނަށް ޓިއުޝަންދެމުން ގެންދިޔަ މީހެކެވެ. ބޭކާރު މީހެއްގެ ގޮތުގައި އުމުރު ނަގާލުމަކީ އައިޝް ދެކެން ބޭނުންވާ ދުވަހެއް ނޫނެވެ. މިއަދުގެ ހާލަތު ނިއާކުރިގޮތުން އަނެއްކާވެސް އައިޝް ގަސްދުކުރީ އެކަމުން އާމްދަނީ ހޯދުމަށް ގޭގައި ޓިއުޝަންދޭށެވެ.

ދުނިޔޭގައި ހޭދަކުރި 21އަހަރު ތެރޭގައި އައިޝްއަށް ލިބިފައިވާ ތަޖުރިބާއާ ލިބިފައިވާ ފިލާވަޅުތައް މަދެއްނޫނެވެ. އައިޝް ދެކޭގޮތުގައި ދިރިއުޅުމަކީ ހަނގުރާމައެކެވެ. ދަތިވާފަހަރާ، އުނދަގޫވާ ފަހަރުވެސް އަންނާނެއެވެ. ކާމިޔާބީ އޮތީ ދިރިއުޅުމުގެ ހަނގުރާމަގައި ކެއްތެރިވެ ދިމަވާ ދަތިތަކުގައި ހިތްވަރު ގަދަކޮށްގެންނެވެ. 

3 comments: