Pages

Saturday, June 23, 2012

8ބިންވަޅު ނެގުނު ފިޔަވަޅު



އައިޝް އިސްތިރިކުރަން ހުއްޓާ އާތިފް ކޮޓަރިއަށް އައިސް ވަނެވެ. " ފުރުން އަވަސްވެއްޖެ، މާދަމާ މެންދުރުފަހު ފުރަންޖެހޭކަމަށް ރިސޯޓުން ގުޅާފަ ބުނެފި" އާތިފް މިހެން ބުނުމާއެކު،"އަހަރެން ދަބަސް ރެޑީކޮށްލާނަން، އާތިފް ކިތައް ހެދުން ގެންދާން ބޭނުމީ؟ " އައިޝް އަހާލިއެވެ. " މާގިނަ އެއްޗެއް ބޭނުމެއް ނުވާނެ، 2 ސޯޓުބުރިޔާ 2 ޓީޝާރޓް ދަބަހަށް ލީމާ ރަންގަޅުވާނެ" އާތިފް މިހެން ބުނުމަށްފަހު ބަދިގެޔާ ދިމާލަށް ހިނގައިގަތެވެ. " ކާންހަދަން އެބަދަން މި ނިންމާލީ އިސްތިރިކޮށް، މަވެސް އަދި މިހުރީ ނުކައި". އައިޝް އިސްތިރިކޮށްފައި ހުރި ތަކެތި އަލަމާރިއަށް ލުމަށްފަހު އާތިފް އަށް ކާން ހަދާދިނުމަށްޓަކައި ދިޔައީ ބަދިގެއަށެވެ.

ކުރަން ހުންނަ މަސައްކަތް ގިނަކަމުން ދުވަހުގެ ވަގުތު ދާގޮތްވެސް ނޭނގެއެވެ. އިރު އަރާއިރު އޮންނަނީ އަނެއްކޮޅުން އިރު އޮއްސިފައެވެ. ދަރިފުޅުގެ ކަންތައް ކޮށް އަވަދިވާއިރު ކޮންމެވެސް ގޭގެ އެހެން މަސައްކަތެއް އޮންނަނީ ކުރަންޖެހިފައެވެ. ގިނަ ދުވަސް ދުވަހު ހިންދަމާލާނެ ވަގުތެއް ނުވެޔޭ ބުންޏަސް ރަނގަޅުވާނެއެވެ. ހުކުރު ހޮނިހިރުގެ ހާލު ހަފްތާގެ އެހެން ދުވަސް ދުވަހަށް ވުރެ ބޮޑުވާނެއެވެ. ޔޫސުފް ނިދަން އޮންނަ ބައެއް ވަގުތު ތަކަކީ އައިޝްއަށް އަރާމުކޮށްލަން ލިބޭ ވަގުތެވެ.

ހޮނިހިރު ދުވަހުގެ ހަވީރަކީ ގޭ ހުރިހާ ކުޑަކުދިން ރީތި ކުރުމަށްފަހު ބޭރަށް ޖެހިލުމަށް ލިބޭ ދުވަސް ކަމަށް ވާތީ އެހެން ދުވަސް ދުވަހަށް ވުރެ އަވަހަށް އައިޝް ފެންވަރާ ތައްޔާރުވިއެވެ. ދޮންތީގެ ދަރިފުޅު ސާމިހުއާއި މަރީގެ ދަރިފުޅު ޖަޒޫ އަދި ފަރޫ ވެސް މުސްލީ ގޮވައިގެން ހިނގާލަން ދިއުމަށް ނިކުތެވެ. "ކޮބާ އައިޝް އަދިވެސް ރެޑީ ނުވަންދޯ؟ މަރީ އައިޝްއަށް ގޮވާލުމަށްފަހު ބުންޏެވެ. "ކިހިނެއް އަވަސް ކުރާނީ، މާދަމާ އޮފީހަށް ދާންޖެހޭނެ އަދި އާތިފް ވެސް ފުރަނީ މާދަމާ، އެކަންތައްގަނޑުގަ މިއަދު ކުޑަކޮށް ލަސްވީ. ނަސީބެއް އަހަންނަށް ކުރިން ފެންވަރައިގެން ހުރެވުނުކަން. ޔޫސުފް ރީތި ކޮށްލީމަ މި ނިމުނީ" މިހެން ބުނެ އައިޝް އަވަސްކޮށްލައިގެން ހިނގާލަން ދާން ނިކުތެވެ.

މިގޮތަށް އާއިލާ އާއެކު ހޭދަކުރަން ލިބޭ އުފާވެރި ވަގުތުތަކަކީ އައިޝް އެވަގުތަކަށް އިންތިޒާރުކުރި ވަގުތެވެ. ލިބިފައިވާ ހިތްދަތިކަން މަޑުމަޑުން ފޮހެވި އައު އުޖާލާކަމެއް އައިޝްގެ ހަޔާތަށް ގެނުވަދެނީވެސް އާއިލާގެ އެކުވެރި މާހައުލުންނެވެ. އައިޝްގެ ހަޔާތުގެ ބަނަ ދުވަސްތަކުގެ ކުޑަ މިންވަރެއްވެސް އާއިލާގެ އެކަކަށްވެސް ނާންގައެވެ. އައިޝްގެ ހިތުގައި ޖެހިފައިވާ މިންވަރާ، އުފުލި ވޭން ދެނެވޮޑިގެންވާނީ ހަމައެކަނި ހެއްދެވި ފަރާތާއި އައިޝްއެވެ. އާއިލާއާ އެކު ހިނިތުންވެ މަޖާކޮށް އުޅުން ކަމުގައި ވިޔަސް އައިޝްގެ ސިކުނޑީގެ ކޮންމެ ވެސް ހިސާބެއްގައި އެލިބުނު ވޭނުގެ ހިތިރަހަ ހަރުލާފާ ހުއްޓެވެ. އެ ރިހުމާ ވޭނުގެ އަސަރުތައް މުޅިން ފިލައި ނުދެއެވެ.

އާތިފް އާއެކު ހޭދަކުރާ ވަގުތުތަކުގައި ވެސް ކުރީ މާޒީވީ  ކަންކަމުގެ އަސަރު ނުދައްކުވަން އައިޝް ވަރަށް މަސައްކަތްކުރެއެވެ. ކިތަންމެ އުނދަގޫ ކަމުގައި ވިޔަސް އެކަން ފޮރުވަން އައިޝް ބޭނުންވެއެވެ. ނުވާކަމަކަށް ނުހެދޭނެކަން ވެސް އެނގިހުރެ މެއެވެ. އެކަމާ ނުވިސްނުމަށް ގަދައަޅާ މަސައްކަތްކުރެއެވެ. ހަނދާންތައް ފުހެލުމަށް ކުރާމަސައްކަތައް ހުރަސްއަޅާ އެތަކެއް ކަންކަން އައިޝްއަށް އާތިފްގެ ކިބައިން ފެންނަމުންދެއެވެ. އެހެނަސް އައިޝްގެ ގަސްތަކަށް ބަދަލެއްނާދެއެވެ. އައިޝް ބޭނުންވަނީ  ލިބިފައިވާ ދަރިފުޅަށްޓަކައި އެކަންކަމާވެދު ފިކުރުނުކުރާށެވެ.

އައިޝް ވެފާހުރި ވަރުބަލިކަމުން ޔޫސުފަށް ކާންދިނުމަށްފަހު އެސޮރާ އެކު އޮށޯތެވެ. ނުނިދަން ހިތުލައިގެންކަމުގައި ވިޔަސް އިސާހިތަކު އައިޝްއަށް ނިދިޖެހިއްޖެއެވެ. ހޭލެވުނީ އާތިފް އައިސް ގޮވާއަޑަށެވެ. ވަރަށް ލަސްވެއްޖެތަ،؟ ކުދިން ގޮވައިގެން ހިނގަން ގޮއްސަ އައީމަ ވަރުބަލިވެފަ ހުރިވަރުން ނިދުނީ، އައިޝްމެންނަށް އާދެވުނީވެސް އެހެން ދުވަސް ދުވަހަށްވުރެ ތަންކޮޅެއްލަހުން. އާތިފް މެން ގޭގަ ނެތީމަ ކާންހަދާފަ ޔޫސުފް ނިންދަވަން އޮށޯތީ." އައިޝް ވަރަށް ކަންބޮޑުވެހުރެ ބުނެލިއެވެ.

އާތިފް ކައިފިންތޯ އެހުމުން " މިރެއަކުނެތް ކާހިތެއް މިއައީ ދެންމެ ބޭރުން ރައްޓެއްސަކާއެކު ކައިގެން. މާދަމާ ފުރަންޖެހޭތީ ވަރަށް ހެނދުނާ ހޭލަންޖެހޭނެ. އަދި އެބަހުރި ބައެއް ރީތިވާ ސާމާނު ގަންނަން. އާތިފް ބުންޏެވެ. "އާތިފް ކޮބާ އަޝްރަފް އޭނަ މިއަދި މެންދުރުފަސް ވީން ސުރެ ނުފެނޭ" އައިޝް ސުވާލު ކޮށްލިއެވެ. "އަޝްރަފް މިރޭ ވީ އޭނަގެ ރައްޓެއްސަކާއެކު އެގެއަށް ގޮސް. ބުނި މިރޭ ނިދާނީ އެގޭގަޔޯ" މަށަށް ކޮފީއެއް ގެނެސްދީ. މިރޭ ކޮފީ ބޮއިގެން އަވަހަށް ނިދަން ހިނގާ، މަވެސް އަވަހަށް ހޭލަންޖެހޭނެ. އައިޝް ވެސް އޮފީހަށް ދާން ޖެހޭނު"

   އޮފީހަށް ދާން ޖެހޭ ދުވަހެއްކަމުން ތަންކޮޅެއް އަވަހަށްތެދުވެ  ޔޫސުފަށް ކާންދީ ހެދުމަށްފަހު މަންމަ އަތައް ޔޫސުފް ގެންގޮސްދިނެވެ. އައިޝް ފެންވަރަން ވަނީ އާތިފް އަށް ގޮވާ ސައި ހެދުމަށްފަހުއެވެ. އޮފީހަށް ދާން ނިކުންނަ ވަގުތަކީ އައިޝް ވަރަށް ދެރަވާ ވަގުތެކެވެ. ސަބަބަކީ ޔޫސުފް ދޫކޮށްލާފައި ގިނަވަގުތު ބޭރުގައި އުޅެންޖެހޭތީއެވެ. އޮފީހުގައި އުޅެފައި ލިބޭ ހުސްވަގުތުގައި ގެއަށް އާދެވޭތޯ ވަރަށް މަސައްކަތްކުރެއެވެ. އޮފީސް މަސައްކަތުގެ މާހައުލުގެ ހަލަބޮލިކަމާހެދި ލިބޭ ބްރޭކްވެސް ގިނަފަހަރު ނުނެގެއެވެ.

އާތިފް ފުރަން ހަމަޖެހިފައި އޮތުމާއެކު އަވަހަށް ގެއަށް އާދެވޭތޯ ކުރަންހުރި މަސައްކަތްތައް ހަލުއިކޮށްލިއެވެ. އަދި އެކުގައި މަސައްކަތްކުރާ އައިސްތުއާ ނުނިމިހުރި ބައެއް މަސައްކަތް ހަވާލުކުރުމަށްފަހު ގެއަށް އައެވެ. ގެއަށް ވަނުމާއެކު އައިޝް އަވަސްވެގަތީ ޔޫސުފް ކޮބާތޯ ބެލުމަށެވެ. " މަންމާ ކޮބަ ޔޫސުފް ؟ އައިޝް ސުވާލުކުރުމުން މަންމަ ޖަވާބުގައި ބުންޏެވެ. ނިދާފަ އެބައޮތް މަރީ ކޮޓަރީ، މި ކޮޓަރިއަށް ހޫނުވާތީ އެސޮރު ނުނިދަން އުޅޭތީ އެކޮޓަރިއަށް ގެންދިއައީ އިރުކޮޅެއްވެއްޖެ މިހާރު."

"މަވެސް އަންނާނަން ފެންވަރާލައިގެން މިއަދު ވަރަށް ހޫނުގަދަ." އައިޝް މިހެން ބުނުމަށްފަހު ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އާތިފްވެސް އުޅޭ ވަގުތެއްކަމުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގައި ވެސްމެއެވެ. "އައިޝް އެއޮށް 3ޖަހަނީ އަދިވެސް އެ އަޝްރަފް ނާދޭ. 3:30އަށް ފުރަންދާންޖެހޭނެ" އާތިފް އެހެން ބުނި ތަނާހެން ދޮރުގައި ޓަކިޖެހިއެވެ. އަޝްރަފްދޯ ހާދަ ލަސްކޮށްފަ ތިއައީ، ހިނގާ އަވަހަށް ދާން ދޯނި ކަޓައިފިއްޔާ އަނެއްހަފްތާއަށް މަޑުކުރަންޖެހޭނެ" އާތިފް ދޮރު ހުޅުވާލުމަށްފަހު ބުންޏެވެ. އަދި ގޭމީހުންނާ ސަލާންކުރުމަށްފަހު ދެމީހުން އެކުގައި ފުރަން ދިއުމަށް ގެއިންނިކުތެވެ.

އާތިފް ފުރައިގެން ދިޔަތާ މާގިނަ ދުވަސްތަކެއް ނުވަނީސް، އަނެއްކާވެސް ފާޑުފާޑުގެ އަޑުތައް އައިޝްއަށް އިވެން ފަށައިފިއެވެ. އޮފީހަށް އައި ފޯނުކޯލަކުން އައިޝްއަށް ހައިރާންކަމެއް ގެނުވިއެވެ. "ހަލޯ އައިޝްތަ؟ ފޯނުކުރި މީހާ ސުވާލުކުރިއެވެ. " އައިޝް އާނއެކޭ ބުނުމުން އޭނާ އިތުރަށް ވާހަކަ ދައްކަން ފެށިއެވެ. " މަށައްކިޔަނީ އާދަން، މިވަރުންފުދޭނެ،އާތިފް އުޅެނީ ގެސްޓަކާ ރައްޓެހިވެގެން، އާތިފް މިހާރުވެސް ވެއްޖެ ތިކޮޅުގަ އެގްރޫޕާއެކު އައިލަންޑް ހޮޕިންގއަށް ގޮސް" އައިޝް އޭނާ ދެއްކި ވާހަކަ އަޑުއަހަން ހުރެފައި އެއްވެސް އެއްޗެއް ނުބުނެ ފޯނު ބޭއްވިއެވެ. ލިބިފައި ވާ ހައިރާންކަމަށްވުރެ ހިތުގައި އުފެދެމުންދިޔަ ސުވާލުތައްގިނައެވެ. އަނެއްކާ މިވަނީ ކިހިނެއްބާ؟ އައިޝް ހިތާ ހިތާ ސުވާލުކޮށްލިއެވެ.

ތެދެކެވެ. އޮފީސް ނިންމާލުމަށްފަހު ގެއަށް އައިއިރު އާތިފް ގޭގައި ޔޫސުފް އުރާލައިގެން ހުއްޓެވެ. ކީއްކުރަންތޯ އައީ ސުވާލުކުރުމުން ބަޔަކާއެކު އައިލަންޑް ހޮޕިންގއަށް ކަމަށް ބުންޏެވެ. އައިޝް އެކަމާ އިތުރު އެއްވެސް ސުވާލެއް ނުކުރެއެވެ. އާތިފް ރިސޯޓަށް ދިޔަފަހުން ގެއަށް އައި ފުރަތަމަ ދުވަސް ކަމުން އައިޝް ހުރީ އާތިފްގެ ގަޔާ ކާރިކޮށްލާތޯ އެދިއެދިއެވެ. ކަންވީ އެހެނެއް ނޫނެވެ. އާތިފް ވަރަށް ތަފާތެވެ. ވަރަށް ދުރެވެ. އައިޝް އަތަށް ޔޫސުފް ދިއްކޮށްލުމަށްފަހު ފުރަންދަނީ އޭބުނު ނިކުތީ ބޭރަށެވެ. އައިޝް އަށް އިތުރު އެއްޗެކޭ ބުނެވޭވަރެއް ނުވިއެވެ. އާތިފް ގުޅާފަހަރަކުން އެވާހަކަތައް އާތިފްގާތު ދެއްކުމަށް އައިޝް ނިންމިއެވެ. 

4 comments: